ފޮނަދޫއިން ކަރަންޓް ކެނޑޭތާ 3 ދުވަސް

(ފޮނަދޫ) ގާތްގަނޑަކަށް ދެ ހާހެއްހާ މީހުން ދިރިއުޅެމުން އަންނަ ފޮނަދޫއިން ކަރަންޓް ކެނޑެމުންތާދާ މިއަދަށް ތިން ދުވަސް ވެއްޖެއެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެމުން އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ، ކަރަންޓް ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަޑަމުންދާތާ މިހާރު މިއީ ތިން ވަނަ ދުވަސް ކަމަށެވެ. އަދި މިގޮތަށް ކަރަންޓް ކަނޑާލަނީ މީގެ ކުރިން ޢަމަލް ކުރަމުން އައި ގޮތަށް ކުރީބައިގައި އަންގާފައިނޫން ކަމަށްވެސް މިމީހާ ބުނެފައިވެއެވެ.
"މީގެ ކުރިން ކަރަންޓް ކަނޑާލަންޏާ އަންގާނެ ދުވަހެއް ވަރު ކުރިން ފެނަކަ ފޮނަދޫ ފޭސްބުކް ޕޭޖްގައިވެސް އެވާހަކަ ޖަހާނެ. މިހާރު މީގެން އެއްވެެސް ކަމެއް ކުރާ ކަމެއް ހިއެއް ނުވޭ. ހަމަ ހުރެލާފަ ކަނޑާލަނީ. ރަށުތެރޭގައި ބައެއް ފަހަރު މީހުން ކިޔާ ކަރަންޓް ކަނޑާލަން އެބައުޅެއޭ. އެކަމަކު ކަނޑާލަނީ ކޮން ސަރަހައްދަކުން ކަމެއް ކިހާ ވަގުތެއްގައި ކަމެއްވެސް ނޭނގޭ." މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.
ފޮނަދޫއިން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު، ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ދަނީ ގިނަ ދަތިތަކާއި ކުރިމަތި ލަމުންނެވެ. މިގޮތުން މީގެ ކުރިންވެސް މިގޮތަށް ކަރަންޓް ކަނޑާ ހެދުމުގެ ސަބަބުން ފޮނަދޫގެ ރައްޔިތުން ބޭނުން ކުރަމުންދިޔަ އެތައް އިލެކްޓްރޯނިކް އާލާތްތަކަކަށްވަނީ ގެއްލުންވެފައެވެ.
ފޮނަދޫއިން ކަރަންޓް ކެނޑުމުގެ މައްސަލަ އާ ގުޅޭ ގޮތުން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފޮނަދޫ ފެނަކަ ބްރާންޗްގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ރަޝީދު (އަބްސީ) ވިދާޅުވީ ފޮނަދޫގައި ކަރަންޓްގެ މައްސަލައެއް ދިމާވެގެން ނޫޅޭ ކަމަށާއި ކަރަންޓް ކަނޑާލަމުން ދަނީ ކަރަންޓް އަޕްގްރޭޑް ކުރުމަށް ކަމަށެވެ.
"މިހާރު ކުރަމުން މިދަނީ މިތާންގައި ސްވިޗް ގިޔަރެއް ބޭރުކޮށްފައި އެ ގުޅުމުގެ މަސައްކަތް. މިއީ ކަރަންޓް އަޕްގްރޭޑް ކުރުމަށް ކުރަމުން ދާ މަސައްކަތެއް. ފޮނަދޫގައި ކަރަންޓްގެ މައްސަލައެއް ޖެހިގެންނެއް ނޫޅޭ" އަބްސީ ވިދާޅުވިއެވެ.
އަބްސީ މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ނޫން ކުރީ ދުވަހު ފޮނަދޫގެ ބޮޑު ސަރަހައްދަކުންވަނީ ކަރަންޓް ކަނޑާލާފައެވެ. އިއްޔެވެސްވަނީ ދެ ލައިންއަކުން ކަރަންޓް ކަނޑާލާފައެވެ. މީގެ އިތުރުން މިއަދު 1 ޖަހާއިރު ފޮނަދޫގެ ހުރިހާ ސަރަހައްދަކުން ކަރަންޓް ކަނޑާލުމަށްވަނީ ނިންމާފައެވެ. އަދި މިއަދު ކަރަންޓް ލިބޭނީ "ކުރަމުން މިދާ މަސައްކަތް ނިމުނުހާ އަވަހަކަށް" ކަމަށް ފޮނަދޫ ފެނަކަ ބްރާންޗްއިން މަޢުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ