ކޮރަޕްޓް މީހުންނަށް އިބޫ ޖާގަ ނުދެއްވާނެ ކަމަށް ހީކޮށް ކުރެވުނީ ކުށްހީއެއް – އުމަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވާ، ކޮރަޕްޓް މީހުންނަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ހީކުރެވުން މިވަނީ ކުށް ހީއަކަށް ބަދަލު ވެފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ރައީސް ސޯލިހް ކެބިނެޓް އިއުލާން ކުރެއްވުމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވާ، ކޮރަޕްޓް މީހުންނަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ހީކުރެވުން މިވަނީ ކުށް ހީއަކަށް ބަދަލު ވެފައި،" އުމަރު ވިދާޅުވިއެވެ.
އުމަރު އިޝާާރާތް ކުރައްވާފައި ވަނީ ސަރުކާރުގެ ކޮން ވަޒީރުންނަކަށް ކަމެއް ނޭނގެއެވެ. ނަމަވެސް ރައީސް ސޯލިހްގެ ވަޒީރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި މީގެ ކުރިން ދައުލަތުގެ ފައިސާ އިން އަމިއްލަ ބޭނުންތަކަށް ޚަރަދު ކުރެއްވިކަން ސާބިތުވެފައިވާ ބޭފުޅުންނާއި ބޮޑެތި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ގޮތައް މަޖިލިސް ގޮނޑި ބަދަލު ކުރެއްވި ބޭފުޅުން ވެސް ހިމެނެއެވެ.
އުމަރުގެ އިތުރުން ވަރަށް ގިނަ އާންމު ރައްޔިތުން ވެސް ގެންދަނީ ރައީސް ސޯލިހްގެ ކެބިނެޓް ފާޑުކިޔަމުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުންނާއި ރައީސް ސޯލިހަށް ތާއިދުކޮށް ރިޔާސީ އިންތިޚާބުގައި ކެމްޕޭން ކުރެއްވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ