ޖަޕާނަށް އައި ބިންހެލުންތަކާއި ސުނާމީގައި ލިބުނު މާއްދީ ގެއްލުންތައް ފޫބެއްދުމަށް 10 އަހަރުގެ މުއްދަތެއް ބޭނުންވާނެ: ތަޖުރިބާކާރުން

ޓޯކިޔޯ : މިދިޔަ މާޗްމަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުންތަކާއި އެކަމާ ގުޅިގެން އެރި ސުނާމީ ބޮޑުރާޅުތަކުގެ ސަބަބުން ޖަޕާނަށް ލިބުނު މާއްދީ ގެއްލުންތައް ފޫބެއްދުމަށް 10 އަހަރުގެ މުއްދަތެއް ބޭނުންވާނެ ކަމަށް މިކަން ބަލައި އަންދާޒާކުރުމަށް އެކުލަވާލާފައިވާ ކޮންސަލްޓެންސީ ކޮމިޓީން ބުނެފިއެވެ.
ފަންނީ މާހިރުންގެ މިކޮމިޓީން ބުނިގޮތުގައި މިކާރިޘާގައި ހަލާކުވެ ފުނޑުފުނޑުވި ޖަޕާނުގެ ސަރަޙައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރަން ވިސްނަމުން ގެންދަނީ މަރްޙަލާތަކަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ މަރްޙަލާގައި އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ މަގުތައް ބިނާކުރުމަށާއި ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ގެތަށް ބިނާކުރުމަށެވެ. މިކަމަށް ގިނަވެގެން ބޭނުންވާނީ ތިން އަހަރު ކަމަށް މިކޮމިޓީން ބުނެއެވެ.
ޖަޕާނަށްއައި މިބޮޑު ކާރިޘާގައި އެއްލައްކަ ތިރީސް ހާސްމީހުން ގެ ގެދޮރު ހަލާކުވެ ރެފިއުޖީންނަށް ވެފައިވެއެވެ. އަދި 26 ހާހަށްވުރެ ގިނަމީހުން މަރުވެ އަދި ގެއްލިފައި ވެއެވެ. މިކާރިޘާއަށްފަހު ޖަޕާނުން އެކުލަވާލި ރިކޮންސްޓްރަކްޝަން ޕްލޭނިންގ ކައުންސިލުގެ އިސްބޭފުޅެއްކަމަށްވާ ޖޯން އަޔޫ ވިދާޅުވިގޮތުގައި ގެދޮރު ގެއްލިފައިވާ 130 ހާސް މީހުންނަށް ހަތަރު އަހަރު ތެރޭގައި ދާއިމީ ގެދޮރު ބިނާކޮށްދިނުމަށްދަނީ ރާވަމުންނެވެ.
މިހާރު ކުރިޔަށްދަނީ ވީރާނާވި ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް ކަމަށާއި މިމަސައްކަތް ނިމޭއިރަށް ވަގުތީ ހިޔާތައް ބިނާކުރުމުގެ މަސައްކަތްފެށި ދޮޅު އަހަރުތެރޭގައި ވަގުތީ ހިޔާގެ މަސައްކަތް ނިންމާލުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަޕާނަށް އައި ބާރުގަދަ ބިންހެލުންތަކާއި ސުނާމީ ބޮޑުރާޅުތަކާގުޅިގެން ހަލާކުވެ ވީރާނާ ވެފައިވާ ސަރަޙައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރުމަށްޓަކައި 48.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ޖަޕާނުގެ ވަޒީރުންގެ މަޖިލީހުން ދާދިފަހުން ތަސްދީޤުކުރުމާ ގުޅިގެން އެސަރަޙާއްދުތައް އަލުން އާރާސްތު ކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސްވަނީ ފަށާފައެވެ.
މި 48.5 ބިލިޔަން އެމެރިކާ ޑޮލަރު ހޯދަން ޖަޕާން ސަރުކާރުން ނިންމާފައިވަނީ ޓްރެޝަރީ ބޮންޑް ނެރެގެން އޭގެ އެހީގައެވެ.
ވީރާނާ ވެފައިވާ ސަރަޙައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރުމަށްޓަކައި 1.6 ޓްރިލިޔަން ޑޮލަރުގެ ބަޖެޓެއް ބޭނުންވާ ކަމަށް ތަޖްރިބާކާރުންގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާއިރު މިކާރިޘާއިން ޖަޕާނަށް ލިބުނު ގެއްލުން 300 ބިލިޔަން ޑޮލަރަށްވުރެ އިތުރުކަމަށް ޖަޕާން ސަރުކާރުން އަންދާޒާ ކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ