މަރާއި ހައްދުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން 30 ދުވަސް ދީފި

މަރުގެ މައްސަލަތަކާއި ހައްދުގެ މައްސަލަތަކުގައި ހައި ކޯޓުން ކުރާ ހުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ލިބޭނީ 30 ދުވަހުގެ މުއްދަތެއް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެ ކޯޓުން މިހެން ނިންމާފައިވަނީ ހައިކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިލްތިމާސްކުރުމާ ގުޅޭގޮތުން ނެރެފައިވާ ސާކިއުލާއެއްގަ އެވެ.
ހައިކޯޓުން ނިންމާ ހުރިހާ މައްސަލަތަކެއް ވެސް ސުޕްރީމު ކޯޓުގައި އިސްތިއުނާފުކުރުމަށް މީގެ ކުރިން ދީފައި އޮންނަނީ 60 ދުވަހުގެ މުއްދަތެކެވެ.
ނަަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ ކޯޓުތަކުން ނިންމާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ހައިކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަށަވަރުކުރަންޖެހޭ މައްސަލަތަކުގައި، ހައިކޯޓުން އެ މައްސަލައެއްގައި ހުކުމް ކުރާތާ ބަންދު ދުވަސް ހިމެނޭ ގޮތަށް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށްޓަކައި ހުކުމް އިސްތިއުނާފު ކުރުމުގެ ހައްގު އޮތް ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެ ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ހައި ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މިހާރު ގާނޫނުތައް ހުރި ގޮތުން ސުޕްރީމް ކޯޓުން ކަށަވަރު ކުރުމަށް ފަހު ނޫނީ ތަންފީޒު ނުކުރެވޭނީ މަރުގެ ހުކުމާއި ހައްދުގެ ހުކުމްތަކެވެ. ޖަލު ހުކުމާއި ގޭ ބަންދާއި ޖޫރިމަނާގެ ހުކުމްތައް ދަށު ކޯޓުން ހުކުމްކުރާ ވަގުތުން ފެށިގެން ތަންފީޒުކުރަން ފެށޭނެ އެވެ.
އިސްތިއުނާފް ކުރުމުގެ މުއްދަތަކީ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް 90 ދުވަސް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ގާނޫނުގެ އެބައި އުވާލައި، ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތަކީ 10 ދުވަސް ކަމަށް ހަމަޖައްސާފަ އެވެ. އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތަކީ 60 ދުވަސް ކަމަށް ވެސް ހަމަޖައްސާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ