ބިލް ތަސްދީގުކުރުން ލަސް ނުވާ ކަމަށް ރައީސް ވިދާޅުވުމުން މަޖިލީހުން ރައްދު ދީފި

ތަސްދީގު ކުރެއްވުމަށް ލާޒިމްވާ ގޮތަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މަޖިލީހުން ފާސް ކުރި ސިޔާސީ ޕާޓީގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު އިއްޔެ ތަސްދީގު ކުރެއްވުމުން، އެކަން ކުރެއްވުން ލަސްވި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިއްޔެ ވިދާޅުވުމުން މަޖިލީހުން ރައްދު ދީފި އެވެ.
މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުން އެ ދެ ބިލް ފާސް ކުރުމަށް ފަހު ތަސްދީގު ކުރެއްވުމަށް ރައީސް ވަހީދަށް އެ ބިލްތައް ފޮނުއްވެނީ މިދިޔަ ބުދަ ދުވަހު ކަމަށާއި ރައީސް އޮފީހުން އެ ބިލް ބަލައިގެންފައި ވަނީ އެ ދުވަހުގެ މެންދުރުފަހު 13:30ގައި ކަމަށެވެ.
"ބިލު ތަޞްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ ކަންތައް ނިންމަވައި ދެއްވުމަށް ރައީސުލްޖުމްޖުމްހޫރިއްޔާގެ އަރިހަށް މަޖިލީހުން ފޮނުއްވާފައި ވަނީ، 6 މާޗް 2013 ވީ ބުދަ ދުވަހުގެ މެންދުރު އެވެ. މި ދެ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގެންފައި ވަނީ އެ ދުވަހުގެ މެންދުރު 13:30ގައި ކަމަށް މަޖިލީހުގެ އިދާރާގެ ލިޔެކިޔުންތަކުން ފެންނަން އެބަހުއްޓެވެ،" މަޖިލީހުން ނެރުނު ބަޔާނުގައި ބުނެ އެވެ.
ސިޔާސީ ޕާޓީގެ ބިލުގައިވާ އިމްލާކުށްތަކެއް އިސްލާޙުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ބިލުގެ ހަތަރު ސަފްހާއެއް މަޖިލީހުގެ އިދާރާ އަށް ފޮނުއްވީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 8:30ގައި ކަމަށާއި އިމްލާ ކުށްތައް މަޖިލީހުން ރަނގަޅު ކުރުމަށް ފަހު،ރައީސް އޮފީހަށް އެ ދުވަހުގެ ހެނދުނު 11:30ގައި ފޮނުވާފައިވާ ކަމަށް މަޖިލީހުން ބުންޏެވެ.
ނަމަވެސް އެ ދެ ބިލް ތަސްދީގު ކުރެއްވުން ލަސްވި ކަމަށް ރައީސް ވަހީދު ވިދާޅުވި ވާހަކަތަކަށް ސީދާ ގޮތެއްގައި ވަކިއެއްޗެއް މަޖިލީހުންގެ ބަޔާނުގައި ބުނެފަ އެއް ނުވެ އެވެ.
ތަސްދީގު ކުރެއްވުމަށް ލާޒިމްވާ ގޮތަށް މަޖިލީހުން އެ ދެ ބިލް ރައީސް އޮފީހަށް ފޮނުވީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ކަމަށް މަޖިލީހުން ބުނެފައިވާ އިރު ރައީސް ވަހީދު އިއްޔެ ވިދާޅުވީ އެ ދެ ބިލް ރައީސް އޮފީހަށް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ބިލްގައި ހުރި ކުށްތައް އިސްލާހުކުރަން މަޖިލީހަށް އަނބުރާ ފޮނުވާލުމަށް އާދީއްތަ ދުވަހު މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު މަޖިލީހުން ބުނީ އެ ބިލް ހޯމަ ދުވަހު ފޮނުވައި ދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުށްތައް އިސްލާހު ކުރުމަށް ފަހު އަނބުރާ ލިބުނީ އެ އެ ދުވަހު މެންދުފަހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ