ގާސިމް ކެންޑިޑެސީ ބާތިލް ކުރަން އުޅެނީ ވޯޓުން ބަލި ނުކުރެވޭނެކަން ކަށަވަރު ވީމަ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވަނީ ވޯޓުން އެ މަނިކުފާނު ބަލި ނުކުރެވޭނެކަން އެމްޑީޕީއަށް ކަށަވަރު ވުމުން ކަމަށް އެ ޕާޓީން ބުނެފިއެވެ.
ގާސިމްގެ ތަރުޖަމާން އަދި ވީޓީވީގެ ސީއީއޯ އިބްރާހިމް ޚަލީލް މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ ކެންޑިޑެސީ ބާތިލް ކުރުމަށް ހުށަހަޅާފައިވަނީ ޖުމްހޫރީ ގުޅުމަށް ތާއީދު އިތުރުވަމުން އަންނާތީ "އެމްޑީޕީން މޮޅު ރޭވުމެއް" ރާވައިގެން ކަމަށެވެ. އަދި އިންތިހާބުގެ ކުރިން ގާސިމަށް ކޮންމެ ފަދަ ދެރައެއް ދޭން އެމްޑީޕީން ތައްޔާރަށް އޮތްކަން އެނގޭ ކަމަށްވެސް އެމެސެޖުގައި ބުނެފައި ވެއެވެ.
"އެމްޑީޕީއަށް މިހާރު އެނގޭ ވޯޓުން ބަލިވާ ވަރަށްވުރެ ބޮޑަށް ގާސިމަށް އޮންނަ ތާއިދު ބޮޑުކަމާއި އަދި ޖުމްހޫރީ ގުޅުން ފުޅާވަމުން އަންނަކަން... ކިތަންމެ ހީލަތްތެރި ރޭވުންތައް ރާވަމުން ދިޔަ ނަމަވެސް ޖުމްހޫރީ ގުޅުމުގެ މެމްބަރުން ފަހަތަކަށް ނުޖެހޭނެ. އަދި ކެމްޕެއިން ދާނީ ކުރިއަށް." ޚަލީލުގެ މެސެޖުގައި ބުނެފައި ވެއެވެ.
ގާސިމްގެ ކެންޑިޑެސީ ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވަނީ ހެލްތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ވަހީދު އެވެ. ސީއެންއެމަށް މައުލޫމާތު ދެއްވަމުން ވަހީދުގެ ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ ގާސިމުގެ ކެންޑިޑޭސީ ބާތިލު ކުރަން ހުށަހަޅަން ނިންމީ، ވެރިއެއްގެ ގައިގައި ހުންނަން ޖެހޭ ބައެއް ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުހަންމަދު ނަޝީދުގެ ކެންޑިޑެސީ ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާނެކަމަށް ބުނެފައެވެ. ނަމަވެސް ފަހުން މޫސަ ވަނީ އެ ނިންމުން ބަދަލު ކޮށް، ރައީސް ނަޝީދުގެ މައްސަލަ ކޯޓަށް ހުށަ ނާޅަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ