އެމްޑީޕީ އޮފީހުގައި ހުޅުޖެހުން މައުމޫން ކުށްވެރި ކުރައްވައިފި

އައްޑޫގައި ހުންނަ އެމްޑީޕީ އޮފީހުގައި ރޭ އަލިފާން ރޯކޮށްލި މައްސަލަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރި ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން ކުށްވެރި ކުރެއްވީ ޓްވިޓާ މެދުވެރިކޮށެވެ. އެމަނިކުފާނުގެ ޓުވީޓްގައި ވިދާޅުވެފައި ރޭ ހިތަދޫގައި ހިންގި އެ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި އެފަދަ ހަމަނުޖެހުންތަކަށް ރާއްޖޭގައި ޖާގަދީގެން ނުވާނެ ކަމަށެވެ.
ރޭ އެމްޑީޕީގެ އޮފީހުގަ އާއި އެ އޮފީހާ ޖެހިގެން ހުންނަ ފިހާރައިގައި ހުޅުޖަހާ އަންދާލާފައި ވަނީ އެމްޑީޕީން ރޭ ފޭދޫގައި ބޭއްވި ޖަލްސާގެ ތެރެއަޢް ބަޔަކު ވަދެ ހަމަނުޖެހުން ވެސް ހިނގާފައި ވަނިކޮށެވެ. އެ ހާދިސާގައި ބައެއް މީހުންނަށާއި ފުލުހުންނަށް އަނިޔާވެފައިވާއިރު 16 މީހަކު ހައްޔަރު ކުރުމަށްފަހު ނުވަ މީހަކު ވަނީ ދޫކޮށްލާފައެވެ.
އަދި ރޭ އެމްޑީޕީގެ ހިތަދޫ އޮފީސް އަންދާލި އިރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މާލޭގައި ހުންނަ އެޕާޓީގެ މައި އޮފީހުގައި ވަނީ އަލިފާން ރޯކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ