ރައީސް ވަހީދު މައުމޫނު އަރިހަށް ޒިޔާރަތް ކުރައްވައިފި

ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެން އެމަނިކުފާނުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ އަށް ރައީސް ވަހީދުގެ ދެކަނބަލުން ވަޑައިގެން ބޭއްވެވި މި ބައްދަލުވުމުގައި، މައުމޫންގެ ހުރިހާ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި، ރައީސް ވަހީދު ވިދާޅުވީ، މައުމޫނާ ބައްދަލުވެ ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޕީޕީއެމުން އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ތާއީދަށް ޝުކުރު އަދާކުރެއްވި ކަމަށް މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނެއްގައިވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މައުމޫނާއި ޕީޕީއެމްގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
މައުމޫން ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނު ހުންނަވާ ގެކޮޅަށް ރައީސް ވަހީދުގެ ދެކަނބަލުން ޒިޔާރަތް ކުރެއްވުމަކީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވި އެވެ. އަދި މިއީ ރައީސް ކަމުގެ މަގާމާ ޑރ. ވަހީދު ހަވާލުވެ ވަޑައިގެންނެވި ފަހުން، މައުމޫނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު ކަމަށްވާތީ، އެ މަނިކުފާނަށް މައުމޫން ވަނީ ތަހުނިއްޔާ އާއި މަރުހަބާ ދަންނަވާފައި ކަމަށް ބަޔާނުގައިވެ އެވެ.
"ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނާ، އެ މަނިކުފާނުގެ އާއިލާ އަދި ޕީޕީއެމް ވެސް ޑރ. ވަހީދުގެ މަސައްކަތްޕުޅުގައި އިހުލާސްތެރިކަމާއެކު އެހީތެރިވެވަޑައިގަންނަވާނެ ކަމުގަ އެވެ. އަދި މި ވަގުތު ރާއްޖެ އަށް ކުރިމަތިވެފައި މިވާ ދަތިތަކުން ސަލާމަތްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް މާތްﷲ ހެޔޮ ތައުފީގު ދެއްވުން އެދި ރައީސް މައުމޫން ދުއާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ،" ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ