ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ސަރުކާރުން މިދިޔަ ޖުލައިގައި ދިން ކަހަލަ "ހިމާޔަތެއް" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދީފި ނަމަ އެއީ މި ސަރުކާރު ވެއްޓޭނެ ދުވަސް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައީސް މުހަންމަދު ނަޝީދު ހޯމަ ދުވަހުގެ ރޭ ރައީސް މައުމޫނަށް އިންޒާރު ދެއްވި ކަމަށް ބުނެ ޑީއާރުޕީގެ ސަޕޯޓަރުން ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން، ޑީއާރުޕީން ވަކިކުރަން ނިންމާފައިވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި މައުމޫނުގެ ސިޔާސަތަށް ތައުރީފު ކުރައްވާ އުމަރު ވިދާޅުވީ މައުމޫން ހުކުރު ދުވަހުގެ ރޭ މާލެ ވަޑައިގަންނަވާނެ ކަމަށާއި އެކަން ހުއްޓުވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.
"އެއްތިރީސް ޑިސެމްބަރު ދުވަހުގެ ރޭ 30: 10 ގައި ރައީސް މައުމޫން މާލެ އަރައިވަޑައި ގަންނަވާނެ. ހިތްވަރު ހުރި އެއްވެސް މީހަކު ހުރިއްޔާ އަޅެ ހުއްޓުވާލަން އާދެބަލަ،" އުމަރު ވިދާޅުވި އެވެ. "ގާސިމް އިބްރާހިމާއި ޔާމީނަށް ދެއްވި ކަހަލަ ހިމާޔަތެއް ދޭން އެ ނަމުގައި ރައީސް މައުމޫނު ހައްޔަރުކޮށް އެއްވެސް ތަނެއްގައި ބަހައްޓައިފިއްޔާ ރާއްޖޭގެ ހުރިހާ ރަށްރަށަކުން ހުރިހާ އޮޑިފަހަރެއް ފުރައިގެން ވަގުތުން މާލެ އަންނާނެ މިކަން ނިންމަން. މި ސަރުކާރު ވައްޓާލެވެންދެން ކުރަން ޖެހިއްޖެ ކޮންމެ ކަމެއް ކަމެއް ކުރާނެ."
އުމަރު ވިދާޅުވި ރައީސް މައުމޫނަކީ ގައުމުގެ އެސެޓެއް ކަމަށެވެ.
"މި ސަރުކާރުން ދެއްކި ހުރިހާ ދަޅަތަކަށް އަޅުގަނޑުމެންނަށް ހެއްލެވިގެން އަޅުގަނޑުމެން [މައުމޫންގެ ސަރުކާރު] ބަދަލުކުރީ. މިހާރު ދެ އަހަރުވީއިރު މި ސަރުކާރުގެ ސޯޓު ބޭލުން ނޫން އެހެން އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނުފެނުނު."
އެމްޑީޕީގެ މެމްބަރަކަށް ވިޔަސް މައުމޫނަށް އެއްވެސް ގެއްލުމެއް ދޭން ނޫޅުމަށް އިންޒާރު ދެއްވައި އުމަރު ވިދާޅުވީ އެމަނިކުފާނު އަލިވާގޭގައި އަމިއްލަ އަށް ގޭ ބަންދުވެގެން ނުހުންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ މައުމޫން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުން ހުއްޓުވޭނެ އެއްވެސް މީހަކު ވެސް ނުހުންނާނެ ކަމަށާއި ސިޔާސީ މައިދާނަށް އެމަނިކުފާނު ނުކުންނަވަން ބޭނުން އިރަކު ނުކުންނަވާނެ ކަމަށެވެ.
ޔާމީނާއި ގާސިމަށް ދިން ކަހަލަ "ހިމާޔަތެއް" މައުމޫނަށް ދީފި ނަމަ އެއީ މި ސަރުކާރު ވެއްޓޭނެ ދުވަސް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ