އިޒްރޭލު ސަރުކާރާއި ދިވެހި ސަރުކާރުން ހިންގާ "ސިއްރު ގުޅުންތައް" ހުއްޓާލައި، ރާއްޖޭގައި ލޮލުގެ ފަރުވާ ދިނުމަށް އައި އިޒްރޭލުގެ "އައި ފްރޮމް ޒަޔަން"ގެ ޑޮކްޓަރުންގެ ޓީމު ފޮނުވާލުމަށް ގޮވާލައި ކުރި މުޒާހަރާތަކުގެ އަޑު ސަރުކާރުން އަހާފައިނުވާ ކަމަށް މަދަނީ އިއްތިހާދުން ބުނެފި އެވެ.
މަދަނީ އިއްތިހާދުގައި ހިމެނޭ ޖަމިއްޔަތުއް ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވީ، ހަފުތާއެއް ވަންދެން ކުރި މަސައްކަތުން ވެސް ރައްޔިތުންގެ އަޑު ސަރުކާރުން އަހަން ބޭނުންނުވާކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް މުސްލިމުން ކަތިލަމުން އަންނަ އިޒްރޭލާ އެކު ރާއްޖޭން ގުޅުން ގާއިމްކުރިޔަ ނުދިނުމަށް ތަފާތު ހަރަކާތްތަކެއް މަދަނީ އިއްތިހާދުން އަދިވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހަރަކާތްތައް ހުއްޓައެއް ނުލާނަން. މުޒާހަރާ އާއި އެއްވުންތައް ބާއްވައިގެން ވެސް [އިޒްރޭލާ ގުޅުން ނުބޭއްވުމަށް] ސަރުކާރަށް ޕްރެޝާކުރާނަން. އެ ހަރަކާތްތަކުގެ ތެރެއިން މަދަނީ ބަސް ނޭހުމަކަށް ވެސް ދާންޖެހިދާނެ،" އަބްދުﷲ ވިދާޅުވި
އެވެ.
އިޒްރޭލާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރާ ސިޔާސަތު ހާމަކޮށްދިނުމަށް އެދި ސަރުކާރުގެ ފަސް ވުޒާރާއަކަށް ސިޓީ ފޮނުވާފައިވުމުން ވެސް އެކަމަށް ސަރުކާރުން އިޖާބާދީފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ މަދަނީ އިއްތިހާދުން އިޒްރޭލާ ދެކޮޅަށް އުފުލަމުންދާ އަޑުތައް ސަރުކާރުގެ "ސަމާލުކަމަށް އަތުވެއްޖެ" ކަމަށެވެ.
"އެއްވެސް ބަޔަކު ކަމަކާ މެދު އަޑު އުފުލާނަމަ ސަރުކާރަށް އެ އަޑު އިވޭނެ. އެ ބަޔަކު އެދޭ އެދުންތަކަށް ސަރުކާރުން ސަމާލުކަން ދޭނެ،" ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަމުގެ އަމަލުތައް ރާއްޖޭން އަބަދުވެސް ކުށްވެރިކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން އޮންނާނީ އެ ގޮތަށް ކަމަށެވެ.
"މި މުޒާހަރާކުރަނީ އެ ކަންކަމާ ގުޅިގެން. އެހެންވީމަ ސަރުކާރުން ވެސް ހަމަ އެ ކަމާ ކަންބޮޑުވޭ،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ. "ދެން އެ ޑޮކްޓަރުން ވެސް އެ މީހުންގެ މަސައްކަތް ނިންމާފައި ދިއުމުގެ މަރުހަލާގައި ވާ ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ."
އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމަކުން ރާއްޖޭގައި ހިދުމަތް ދިނުމަކީ ރާއްޖެ އާއި އިޒްރޭލާ ދެމެދު ގާއިމްކުރަމުން އަންނަ ގުޅުންތަކުގެ "ބޮޅެއް" ކަމަށް 127 ޖަމިއްޔާ ހިމެނޭ މަދަނީ އިއްތިހާދުން ބުނެ އެވެ. އަންނަ ހުކުރު ދުވަހު އެ ޖަމިއްޔާތަކުން ސީދާ ހަރަކާތަށް ނުކުންނަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ޖަމިއްޔާތަކުން ވަނީ ދޮގުކޮށްފަ އެވެ. ސަލަފުން ބުނީ ކުރިން އެ ގޮތަށް ނިންމާފައިވީ ނަމަވެސް މިހާރު ޕްލޭން ބަދަލުކޮށްފައިވާ ކަމަށެވެ.
"ހުކުރު ދުވަހު އެއްވުން ބާއްވާނެކަމެއް އަދި ޔަގީނެއް ނުވޭ. ކުރިން އެ ގޮތަށް ވިސްނުން ހުރި ނަމަވެސް އަޅުގަނޑުމެން މަޝްވަރާކޮށްފައި އެކަމަށް ގޮތެއް ނިންމާނީ،" އަބްދުﷲ ވިދާޅުވި އެވެ.
އަދި ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދި ގިނަ ބަޔަކު "ބިރުން" ޑޮކްޓަރަށް ނުދެއްކި ކަމަށް އަޑުފެތުރިފައިވީ ނަމަވެސް އެ ޓީމުން މިހާރު ވެސް ގެންދަނީ އައްޑުއަތޮޅުގައި ފަރުވާދެމުންނެވެ. އެ ޓީމުން ވަނީ ގދ. ތިނަދޫގައި ވެސް ފަރުވާދީފަ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަ ފޯ ހައުސިން އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ އެ ޓީމުން އަދިވެސް ފަރުވާދެމުން އަންނަ ކަމަށާއި އެ ޓީމު ފުރާނެ ދުވަހެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ.
"އެ ޓީމު ފުރުމަށް މިހާރު ތައްޔާރުވަމުން ދަނީ. އެ ޑޭޓް ކަނޑައެޅޭނީ މިރޭ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޮލުގެ ބަލިތަކަށް ފަރުވާ ހޯދަން ބޭނުންވެފައި ތިބި ގިނަ ބަޔަކު ވަނީ އެ ޓީމުން ފަރުވާ ހޯދައިފަ އެވެ. އަދި އެ ޓީމުގެ އައިކޭމްޕަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމަކީ ރާއްޖޭގައި ތިބި، ރާއްޖޭން އިސްލާމް ދީން ފޮހެލުމަށް މަސައްކަތް ކުރާ ބަޔަކު ހާއްސަ ޕްލޭނެއްގެ ދަށުން ގެނައި ބައެއް ކަމަށާއި އޭގެ ފަހަތުގައި ސަރުކާރުގެ ބައެއް އިސް ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް މަދަނީ އިއްތިހާދުން ތުހުމަތުކުރެ އެވެ. އިޒްރޭލުގެ ޑޮކްޓަރުންނާ ދުރުހެލިވުމަށް ގޮވާލައި މާލޭގައި ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވައިފަ އެވެ. އިޒްރޭލު ޑޮކްޓަރުންގެ ޓީމާ ދެކޮޅަށް އެކި ފަރާތްތަކުން އަޑު އުފުލަމުން ދިޔަ ނަމަވެސް ދިވެހި ސަރުކާރުން އެ ގައުމާ އެކު އެއްވެސް ނަހަމަ ގުޅުމެއް ހިންގާފައި ނުވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އިޒްރޭލު ޑޮކްޓަރުންނާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ އަޑު އަހާފައެއް ނުވޭ: މަދަނީ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ