ޓައިމް މެގަޒިންގެ ތިމާވެށީގެ ބަތަލުންގެ ލިސްޓުގެ ކުރީގައި ރައީސް ނަޝީދު

ޓައިމް މެގަޒިންގެ "ހީރޯސް އޮފް ދި އެންވަޔަރްމެންޓް 2009" ގެ އެންމެ ކުރިން ރައީސް މުހައްމަދު ނަޝީދު ޖާގަ ހޯއްދަވައިފި އެވެ.
ޓައިމްގެ މި ހަފްތާގެ އަދަދުގައިވާ ތިމާވެށީގެ ބަތަލުންގެ ލިސްޓުގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވަނީ ލީޑަރުންނާއި ވިޝަނަރީންގެ ބައިގަ އެވެ. މި ލިސްޓުގައި އެކްޓިވިސްޓުންނާއި ސައިންސްވެރިންނާއި ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.
ޓައިމްގައި ލިޔެފައި ވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ހޯދުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދު ކަމަށެވެ.
ދުނިޔެ ހޫނުވަމުން ދިޔުމާ ގުޅިގެން މި ގަރުނު ނިމޭ އިރު ދިވެހިރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ސައިންސްގެ ހޯދުންތަކުން ދައްކާފައިވާ ކަމަށާއި މިކަން ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު ގިނަގުނަ މަސައްކަތްޕުޅުތަކެއް ފައްޓަވާފައި ވާކަން އެ މެގަޒިންގައި ފާހަގަ ކޮށްފައިވެ އެވެ.
"އާބާދީގައި 400،000 މީހުން ހަމަ ނުވާ އެ މަނިކުފާނުގެ ކުޑަކުޑަ ގައުމު މިހާރު ވަނީ ނުރައްކާތަކާއި އެ ނުރައްކާތަކުން ސަލާމަތް ވާން ކުރެވިދާނެ ކަންކަމުގެ ރަމްޒަކަށް ވެސް ވެފަ އެވެ،" ޓައިމްގައި ލިޔެފައިވެ އެވެ.
ދުނިޔޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ގައުމަށް ރާއްޖެ ހައްދަވާނެ ކަން މާޗް މަހު އިއުލާން ކުރައްވާފައިވާ ރައީސް ނަޝީދު ޓައިމް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ދުނިޔެ އަށް އޮތް އުއްމީދަކީ ދިވެހިރާއްޖެ ކަމަށެވެ.
"ދުނިޔޭގެ އިސް ސަފުގައި މި އުޅެނީ އަޅުގަނޑުމެން،" އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ. "އަދި އެއްގޮތަކުން ބަލާ އިރު އަޅުގަނޑުމެންނަކީ ދުނިޔެ އަށް އޮތް ހަމައެކަނި އުއްމީދު."
ޓައިމްއާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު ސަމާލު ކަމެއް ދޭނީ ފަރުތައް ހިމާޔަތް ކުރުމުގެ މަސައްކަތަށެވެ. އުފުލެމުންދާ ކަނޑުގެ ލޮނުގަނޑުން ރާއްޖޭގެ ރަށްތައް ހިމާޔަތް ކޮށްދޭނެ ގުދުރަތީ ދިފާއަކަށް މުރަކައިގެ ފަރުތައް ވާނެ ގޮތްތައް ހޯދަން އަމާޒު ކޮށްފައިވާ ކަމަށާއި ފިލިޕީންސްގެ ޔުނިވަސިޓީ އޮފް މިލާންގެ އެހީގައި މެރިން ރިސާޗް ސެންޓަރެއް ރާއްޖޭގައި ގާއިމް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
"ބިމާއި ގަސްގަހާގެއްސާއި އިންސާނުން ހިމާޔަތް ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ފަރުތައް ހިމާޔަތް ކުރުން ކަން އަޅުގަނޑުމެންނަށް ދުނިޔެ އަށް ދައްކައިދެވިދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ