ލާ މަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރަށް އެހީވެ ދިނުމަށް އދ. އިން އެއްބަސްވެއްޖެ

ލާ މަރުކަޒީ އުސޫލުން ހިންގުމުގެ މަސައްކަތް ފެށުމަށް އދ. އިން ސަރުކާރަށް އެހީތެރިކަން ފޯރުވައިދިނުމުގެ އެއްބަސްވުމެއްގައި ޔޫއެންޑީޕީ އާއި ސަރުކާރުން ބުދަ ދުވަހު ސޮއި ކޮށްފި އެވެ.
ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި ރާއްޖޭގައި ހުންނަވާ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޕެޓްރިސް ކޯ-ބިޒޯ ސޮއި ކުރެއްވި މި އެއްބަސްވުމުގެ ދަށުން ލާ މަރުކަޒީ އުސޫލުން ސަރުކާރު ހިންގަން ފެށުމުގެ ތައްޔާރީތަކަށް އދ. އިން އެހީތެރި ވާނެ ކަމަށް ޔޫއެންޑީޕީން ބުންޏެވެ. އަދި ހުރިހާ އަތޮޅުތަކެއް ލާ މަރުކަޒީ އުސޫލުން ހިންގުމަށް އެހީވެދިނުމުގެ ޕްރޮގްރާމެއް ފަރުމާ ކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި އާއްމުން ހޭލުންތެރި ކުރުމާއި ކަމާ ގުޅޭ މުއައްސަސާތަކަށާއި މީހުންނަށް ބޭނުންވާނެ ވަސީލަތްތައް އދ. އިން ހޯދައިދިނުން ހިމެނެ އެވެ.
ލާ މަރުކަޒީ ކުރުމަކީ ޑިމޮކްރެސީ ގެނައުމުގެ މަސައްކަތުގެ މުހިއްމު ތަނބެއް ކަން ފާހަގަ ކުރައްވަމުން ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ކޯ-ބިޒޯ ވިދާޅުވީ އެ ކަމަށް ބޭނުންވާ ތައްޔާރީތަކަށް އދ. އިން ވާން ނިންމާފައިވާ އެހީ އަކީ މަޝްރޫއަށް ބޭނުންވާ ގޮތަކަށް ހަމަޖެހިގެން ދާނެ އެއްޗެއް ކަމަށެވެ. މީގެ ސަބަބުން ލާ މަރުކާޒީ މަޝްރޫއު ހުޅުވާލެވިފައިވާ އެއްޗަކަށްވެ ރައްޔިތުން ނިންމާ ގޮތަކަށް ކުރިއަށް ގެންދިއުމަށް މަގު ފަހި ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ޝިހާބު ވިދާޅުވިގޮތުގައި އދ. ގެ އެހީގައި އެކުލަވާލާ މަޝްރޫއަކީ ސަރުކާރުގެ ހިދުމަތްތައް މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނާ ގާތަށް ގެންދިއުމުގެ އަމާޒު ހާސިލް ކުރުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ