ހަވީރު އޮންލައިން ޕޯލްގެ ނަތީޖާ: ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށްޓަކައި ގިނަ ބަޔަކު ބޭނުން ވަނީ ވޯކްޝޮޕް ފަދަ ތަންތަން މީހުން ދ

ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށްޓަކައި ވޯކްޝޮޕް ފަދަ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ގެންދަން ފެންނަ ކަމަށް ހަވީރު އޮންލައިންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިން ދައްކައިފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ބާރަ ވަނަ ދުވަހުގެ ނިޔަލަށް ހަވީރު އޮންލައިންގައި ޝާއިއުކުރި ހިޔާލު ހޯދުމުގެ ވޯޓުން ދެއްކި ގޮތުގައި މީހުން ދިރިއުޅޭ ތަންތަނާ ދުރަށް ވޯކްޝޮޕްތައް ގެންދަން ފެންނަ ކަމަށް 3،529 ވޯޓުދީފައިވެ އެވެ. އެއީ ޖުމްލަ ވޯޓުގެ 91 ޕަސެންޓެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ވޯކްޝޮޕް ފަދަ ތަންތަން ގެންދަން ނުފެންނަ ކަމަށް ދީފައި ވަނީ 341 ވޯޓެވެ. އެއީ ވޯޓުގެ އަށް ޕަސެންޓެވެ. ހަފުތާއަކަށް ހިންގި މި އޮންލައިން ޕޯލުގައި ޖުމްލަ 3،870 ވޯޓުދީފައިވެ އެވެ.
މާލޭގައި، މީހުން އުޅޭ ސަރަހައްދުގައި، ހިނގައިދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގައިފައި ވަނީ މިދިޔަ ހަފުތާގައި އޭ ލަތީފު މެކޭނިކަލް ވޯކްޝޮޕް (މޯރީގަރާޖް)ގަ އެވެ. ތިން ބުރިއަށް ހެދިތާ މާގިނަ ދުވަހެއް ނުވަނީސް އެ ތަނުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގެ ހަ ގެއެއްގައި ރޯވެ، ގާތްގަނޑަކަށް 200 ވަރަކަށް މީހުންގެ ދިރިއުޅުން ވަނީ ރޯވި، އަލިފާނާ އެކު އަނދައި ހުލިވެފަ އެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި ހުރި އެހެން ބައެއް ގޭގެއަށާއި ފިހާރަތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ އެ ތަނުގައި އޮތް ކާރަކުން ޕެޓްރޯލް ލީކްވޭވޭ ހުއްޓައި، ގޭސް ކަޓަރު ބޭނުންކުރުމުން ކަމަށް އެމް،އެން.ޑީ އެފް އިން ވަނީ ވިދާޅުވެފަ އެވެ.
މާލޭގައި ވޯކްޝޮޕްގެ ހިދުމަތްދޭ ގިނަ ތަންތަނަކީ އެ ތަންތަނުގައި އެންމެ ކުޑަމިނުން އަލިފާން ނިއްވައިލެވޭ ފަދަ ވަސީލަތްތައް ހުންނަ ތަންތަނެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ. އޭގެ އިތުރުން އަލިފާނުގެ ހާދިސާއެއް ދިމާވެދާނެ ކަމަށް، ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންތައްތަކަށް ނުބަލާކަން ވެސް ބައެއް މީހުން ފާހަގަކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ