ދެ ހާސް އަށް ވަނަ އަހަރު ރާއްޖޭގައި އޮންނަ އިންތިހާބުގައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓްކަމުގައިވާ އެ ޕާޓީގެ ރައީސް އުމަރު ނަސީރުގެ ވެރިކަމެއްގައި ރާއްޖެ އަށް ގެންނަވާނެ މުހިންމު ބަދަލުތަކާއި ގެންގުޅުއްވާނެ މައިގަނޑު ސިޔާސަތު ރޭ އޭނާ ހާމަކުރައްވައިފި އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އައިޑީޕީގެ ގައުމީ މަޖިލީހުގެ 19 ވަނަ ބައްދަލުވުގައި އެ ސިޔާސަތު ހާމަކޮށްދެއްވީ އުމަރު އެވެ. އުމަރުގެ 40 ވަނަ އުފަންދުވަހާ ވެސް ދިމާކޮށް ރޭ ބޭއްވި އައިޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އޭނާ ހުށަހެޅުއްވި ސިޔާސަތުގައި ހިމަނުއްވާފައި ވަނީ މައިގަނޑު 12 ކަމެކެވެ. ތިރީސް ހަތަރު ސޮފުހާގެ މައްޗަށް އެކުލަވާލައިފައިވާ އުމަރުގެ ސިޔާސަތުގައި އެންމެ މުހިންމު ކަމެއް ދެއްވާފައި ވަނީ ރާއްޖޭގައި އިސްލާމީ އަގީދާ ވަރުގަދަކުރުމާއި އެހެން ދީނަކަށް ފުރުސަތު ނުދިނުމަށެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ، ގާނޫނީ ބާރު ލިބިފައިވާ މުސްތަގިއްލު މަޖިލީހަކަށް ހެދުމަށް ވެސް ކަނަޑައަޅުއްވާފައިވެ އެވެ.
މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރުން ހުއްޓުވުމަށްޓަކައި މަސްތުވާތަކެތި އެތެރެކުރާ މީހުން މެރުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އުމަރުގެ ސިޔާސަތުގައި އެވެ. އެގޮތުން މަސްތުވާތަކެތި ވިއްކާ މީހުން މަދުވެގެން 10 އަހަރަށް ޖަލަށް ލުމާއި އެ މީހުންގެ ގެދޮރާއި މުދާ ސަރުކާރަށް ނެގުމަށް ކަނޑައަޅުއްވާފައިވެ އެވެ.
އުމަރު ކަނޑައަޅުއްވާފައި ވަނީ އޭނާގެ ނުވަތަ އައިޑީޕީގެ ވެރިކަމުގެ ދެ ވަނަ ދައުރު ) 2018 ވަނަ އަހަރު( ނިމޭއިރު ރާއްޖެ އަކީ މަސްތުވާތަކެތީގެ މައްސަލަ އެންމެ ބޮޑަށް ކޮންޓްރޯލްކުރެވިފައިވާ ގައުމަށް ހެދުމަށެވެ.
އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ގޮތުން އުމަރުގެ ވެރިކަމުގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޒަމާނީ ވަސީލަތްތަކާއެކު ހަތަރު ރަށެއް ސިޓީއެއްގެ ގޮތުގައި ތަރައްގީކޮށް، އާބާދީ އާއި ދިރިއުޅުމުގެ ވަސީލަތްތައް ދަތި 100 ރަށެއްގެ ރައްޔިތުން އެ ހަތަރު ސިޓީ އަށް ބަދަލުކުރުމަށް ވަނީ ރާއްވަވާފަ އެވެ. އަދި 2013 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު 150 މަދުކުރެވި، މި ޒަމާނުގެ ހަތަރު ރަށް ގާއިމުކުރެވިފައި އޮންނާނެ ކަމަށެވެ. އަދި 2018 ވަނަ އަހަރު ނިމޭއިރު މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު 100 އަށް މަދުކޮށް، ތަރައްގީކުރެވުނު ޒަމާނީ ކޮންމެ ރަށެއްގައި 10،000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް ހުރިހާ ވަސީލަތަކާއެކު ގާއިމުކުރުން ކަމަށެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީކުރެއްވުމުގެ ގޮތުން އުމަރުގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ދިވެހި ދަރިޔަކީ ވެސް ގްރޭޑް 10 ނިންމާ ކުއްޖަކަށް ހެދުމަށް ވަނީ ކަނޑައަޅުއްވައިފަ އެވެ. ވަޒީފާ އަދާކުރާ އެންމެންނަށާއި މަސްވެރިންނަށް މެޑިކަލް އިންސިއުރެންސް އާއި ޕެންޝަން ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ. އޭގެ އިތުރުން ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި އައިޑީޕީގެ ފުރަތަމަ ފަސް އަހަރުގައި 4،000 ފްލެޓް އިމާރާތްކޮށް އެ ފްލެޓްތައް ހެޔޮ އަގެއްގައި ދިނުމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
އުމަރުގެ ވެރިކަމެއްގައި، ތިމާގެ މީހުން ގާތްނުކުރައްވާނެ ކަމާއި ދުނިޔޭގައި ކޮރަޕްޝަން އެންމެ މަދު ގައުމުތަކުގެ ލިސްޓުން ރާއްޖެ ޖާގަ ހޯދާނެ ކަމަށް ވެސް އުމަރުގެ ސިޔާސަތުގައި ވިދާޅުވެފައިވެ އެވެ. ރައްޔިތުންނަށް ރައްކާތެރިކަން ގެނެސް ދޭނެ ސަރުކާރެއް ގާއިމުކުރައްވާނެ ކަމަށާއި އެ ގޮތުން ކުށްކުރާ މީހުންނަށް އަވަހަށް ހުކުމް އިއްވާ ތަމްފީޒުކުރާނެ ކަމަށް އުމަރުގެ ސިޔާސަތުގައިވެ އެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ބައިތިއްބުމާއި އުމަރުގެ ވެރިމުގެ ފުރަތަމަ 48 ގަޑިއިރުތެރޭގައި ހަށި ވިއްކުމަށް މަގުފަހިކޮށްދޭ ގޮތަށް ހުންނަ މަސާޖް ޕާލާތައް ބަންދުކުރާނެ ކަމުގަ އެވެ. ސިއްހީ ހިދުމަތް ތަރައްގީކުރުމަށްޓަކައި އުމަރުގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތް ލިބޭނެ ގޮތް ގާއިމުކުރުމާއި ބޭރުގެ ތަޖުރިބާ ހުރި ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމުކުރުން ވެސް ހިމަނުއްވާފައިވެ އެވެ.
ތިން ވަނަ ދުނިޔޭގެ ގައުމަކުން އެއްވަނަ ދުނިޔޭގެ ގައުމަށް ރާއްޖެ ގެންގޮސް ދިނުމަށް ވެސް އުމަރު ކަނޑައަޅުއްވާފައިވެ އެވެ.
އުމަރުގެ ސަރުކާރު ވާނީ ޒިންމާ އާއި ބާރުތައް ދޫކުރާނެ ސަރުކާރެއް ކަމަށާއި ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައި އެއިން ކޮންމެ ސަރަހައްދަކީ ވަކި ލޯކަލް ގަވަމަންޓެއް ކަމަށް ހަމަޖެއްސުމަށް ވެސް ވަނީ ކަނޑައަޅުއްވާފަ އެވެ. އުމަރުގެ ސަރުކާރުގައި މާލޭގެ ސަރަހައްދުން ލޯކަލް ގަވަމަންޓް ހިންގުމަށް ކަނޑައަޅުއްވާފައިވާ ރަށަކީ ހުޅުމާލެ އެވެ.
އުމަރު މިއަދު ވިދާޅުވީ އެ ސިޔާސަތުތައް ކަނޑައަޅުއްވާފައި ވާނީ ކަމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުންނާ މަޝްވަރާކޮށްގެން ކަމަށެވެ.
"މިއީ ހަމައެކަނި އަޅުގަނޑުގެ ވިސްނުމަށް ލިޔެފައިވާ އެއްޗެއް ނޫން. ކަމުގެ ތަޖުރިބާ ހުރި ބޭފުޅުންގެ މަޝްވަރާއާއެކު މި ސިޔާސަތުތައް ކަނޑައެޅީ،" އުމަރު ވިދާޅުވި އެވެ. "މި ސިޔާސަތުތަކަށް އިސްލާހް ހުށަހެޅުއްވުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ވެސް އެބަ އޮތް."
އުމަރު ނަސީރުގެ ވެރިކަމެއްގައި ގެންގުޅުއްވާނެ ސިޔާސަތު ހާމަކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ