ސިޔާސީ ބޮޑު ކަމެއް ނިންމާ ނަމަ އެކަމެއް ނިންމާނީ ރައްޔިތުންނާއި މީޑިއާގެ ކުރިމަތީގައި ކަމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އޭނާ އެމްޑީޕީ އަށް ސޮއިކުރެއްވި ކަމުގެ އަޑުތައް ވަރަށް ބާރަށް ފެތުރެމުން ދަނިކޮށެވެ.
ޑީއާރުޕީގެ ލީޑަޝިޕްގައި ސިޔާސީ ގޮތުން އެންމެ ވަރުގަދަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް މެމްބަރު، އަލީ ވަހީދު މިއަދު މީޑިއާ އަށް ފޮނުއްވި އެސްއެމްއެސްގައި ވިދާޅުވެފައި ވަނީ އޭނާގެ ސިޔާސީ ހަޔާތާ ބެހޭ ގޮތުން މިހާރު ފެތުރެމުންދާ އަޑުތަކާ ގުޅިގެން މި ވަގުތު އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނޫން ކަމަށެވެ. ހަމައެކަނި ވިދާޅުވީ ސިޔާސީ ގޮތުން ކުރައްވާ ކަމެއް ކުރައްވާނީ ހާމަކަންބޮޑުކޮށް ކަމަށެވެ. މި އެސްއެމްއެސްގައި، އޭނާ އެމްޑީޕީ އަށް ސޮއި ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ވިދާޅުވެފައެއް ނެތެވެ.
"ސިޔާސީ ގޮތުން އެއްވެސް ބޮޑު ނިންމުމެއް ނިންމަންޏާ އެކަން އަޅުގަނޑު ކުރާނީ ވަރަށް ސާބިތުކަމާ އެކު ރައްޔިތުންނާއި މީޑިއާގެ ކުރިމަތީގައި،" ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުގެ ނަމުގައި އަލީ ވަހީދު މިއަދު ހަވީރަށް ފޮނުއްވި އެސްއެމްއެސްގައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުންނެވި އެންމެ ޒުވާން މެމްބަރު އަލީ ވަހީދު އެމްޑީޕީ އަށް ސޮއި ކުރެއްވި ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް، ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމް މިއަދު އެކަން ދޮގުކުރެއްވި އެވެ.
"އަލީ ވަހީދު އެމްޑީޕީ އަށް ސޮއެއް ނުކުރޭ. އޭނާ އަދިވެސް ހުންނެވީ އަޅުގަނޑުމެން ޕާޓީއާ އެކު،" މީގެ ކުރިން އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު 24 ގަޑިއިރު ނުވަނީ އަނބުރާ އެ ސޮއި ގެންދެވި އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެން ނަމަވެސް އެމްޑީޕީގެ އިސް ބޭފުޅަކު ވަރަށް ޔަގީންކަން ދެއްވަމުން އިއްޔެ ވިދާޅުވެފައި ވަނީ އަލީ ވަހީދު އެމްޑީޕީ އަށް "ސޮއިކުރައްވައިފި" ކަމަށެވެ. އަދި ވިދާޅުވީ އެކަން އާންމުނުކޮށް އޮތީ އެކަން ބޮޑު ހަފުލާއެއްގައި ހާމަކުރަން އެމްޑީޕީން ބޭނުންވެގެން ކަމަށާއި އެކަމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
ސިޔާސީ ބޮޑު ކަމެއް ނިންމާ ނަމަ އެކަން ކުރާނީ ރައްޔިތުންނާއި މީޑިއާ ކުރިމަތީގައި: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ