ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ވަޒީފާ: ރައީސް

ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެގެން އުޅެނީ ވަޒީފާގެ ފުރުސަތުތައް ކަމަށާއި ވަޒީފާނެތި އާމްދަނީ ނުލިބުނީމާ ތަކެތީގެ އަގުބޮޑުކަން އިހުސާސް ކުރެވެމުންދަނީ ކަމުގައި ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށާއި ސީޝެލްސްގެ ވެރިންނާ ބައްދަލުކުރެއްވުމަށް އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 8،500 މީހުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެށުމަށް ސަރުކާރުން ނިންމީ، އެކި ތަމްރީނުތައް ފުރިހަމަކޮށްގެން، ވަޒީފާގެ ފުރްސަތުތައް ހޯދައިދިނުމަށް ކަމަށެވެ.
ތަކެތީގެ އަގަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރާއްޖޭގެ އިގްތިސާދަށް ގެންނަ ބަދަލުތަކުގެ އެއްވެސް ކަމެއް ފުރިހަމަނުވެ އޮވެއްޖެނަމަ، އިގްތިސާދަށް އަބަދުވެސް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާނެ އެވެ.
ޓެކްސްގެ ބިލްތައް ނިންމުން ވަރަށް މުހިންމު ކަމަށާއި އެ ބިލްތައް ނިމުމުން ބަޖެޓްގެ ޑެފިސިޓް ކުޑަވަމުންދިޔުން ވެސް އެހާ މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވިދާޅުވީ ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިގްތިސާދީ ޕްރޮގްރާމަކީ، ސަރުކާރުގެ ވައުދުތައް ކަމުގައިވާ، ތަކެތީގެ އަގުތައް ތިރިކުރުމާއި ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
އަދި އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުމާއެކު، ޚަރަދުކުޑަކުރުމުގެ މަސައްކަތްކުރުމަކީ ވެސް ބޭނުންތެރި ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ