އެމްޑީޕީއާ އެއްކޮޅަށް ވޯޓު ދެވުނީ އޮޅުމަކުން، އެހެންވެ މައާފަށް އެދެން: އަހުމަދު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރައްވާފައި ހުންނެވި، އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މައްޗަށް މިއަދު މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުގައި ސަރުކާރު ހިންގާ އެމްޑީޕީން ބޭނުންވި ގޮތަށް ވޯޓު ދެއްވުނީ އޮޅުމަކުން ކަމަށާއި އެކަމަށްޓަކައި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.
ޑރ. އަފްރާޝީމްގެ އިތުބާރު އޮތްތޯ ބެލުމަށް މަޖިލީހުގައި ނެގި ވޯޓުގައި އަހުމަދު މޫސާ ވޯޓު ދެއްވާފައި ވަނީ އަފްރާޝީމަށް އިތުބާރު ނެތް ކަމަށެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ އާއިލާއާ ވަރަށް ކުރިއްސުރެ ގާތް ގުޅުމެއް އޮންނަ އަހުމަދު މޫސާ ހަވީރަށް ވިދާޅުވީ އެމްޑީޕީން ބޭނުންވި ގޮތަށް ވޯޓު ދެއްވުނީ "އަޅުގަނޑަށް އޮޅިގެން" ކަމަށެވެ.
"ހަމަ ތެދެއް މި ބުނީ އަޅުގަނޑު ގަސްދުގައި އެމްޑީޕީއާ އެއްކޮޅަށް ވޯޓެއް ނުދެން. އަޅުގަނޑަށް ވީ ގޮތަކީ ރެއިއްސުރެ މި ކަމުގެ ތެރޭގައި [ޑރ. އަފްރާޝީމްގެ ވޯޓުގެ ކަންތައްތައް] އުޅެފައި ތަންކޮޅެއް ބޮޑަށް ހިތް އަވަސް ވެފައި ހުރީ. އެހެން އެ ދިމާވީ ވެސް އަޅުގަނޑުމެންގެ މެމްބަރުން މިއަދު މަދުވީމަ އަފްރާޝީމާ އެއްކޮޅަށް ވޯޓު ހޯދުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އުޅުނީމަ. ވޯޓަށް އެހި ގަޑީގައި އަޅުގަނޑު ހިތް އަވަސް ވެފައި ހުރި ވަރުން ފިތުނީ ފެހި ބަޓަނަށް. ހަގީގަތުގައި އަޅުގަނޑު ފިތަން ޖެހެނީ ރަތަށް. ރަތަށް ބަދަލު ނުކުރެވެނީސް ވޯޓުގެ ވަގުތު ހަމަވީ،" ޖުމްހޫރީ ޕާޓީގެ މެމްބަރު އަހުމަދު މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއާ އެއްކޮޅަށް ވޯޓު ދެއްވުނީތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި އެއީ ހަޔާތުގައި ދިމާވި އެންމެ ދެރަ އެއް ދުވަސް ކަމަށް ވެސް އަހުމަދު މޫސާ ވިދާޅުވި އެވެ.
"މިކަން ނުވާ ކަމަކަށް ދެން ނުހެދޭނެ. އެ އޮތީ އޮޅުމަކުން އެހެން ވެފައި. އަޅުގަނޑަކީ މަޖިލީހުގައި މާ ގިނަ ވާހަކަ ދައްކާ މީހެއް ނޫން. އަޅުގަނޑަކީ އަމަލުން ކަންކަން ދައްކާ މީހެއް. މިއަދު މިވީ އެކަމަކު ވަރަށް ދެރަ ގޮތެއް،" އަހުމަދު މޫސާ ވިދާޅުވި އެވެ.
ޖޭއެސްސީގައި ޑރ. އަފްރާޝީމް ހުންނެވުމާ މެދު މަޖިލީހުގެ އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގައި ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން 38 މެމްބަރަކު ވޯޓު ދެއްވީ އިތުބާރު ނެތް ކަމަށެވެ. ޑރ. އަފްރާޝީމް ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 34 މެމްބަރުންނެވެ. އަދި އެއް މެންބަރަކު ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށެވެ.
އަފްރާޝީމް ވަކިކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އެ ކަމަށް ތާއީދުކޮށް ވޯޓު ދިނީ އެމްޑީޕީގެ މެމްބަރުންގެ އިތުރުން، ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލްހަމީދާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ކުރެންދޫ ދާއިރާގެ އަހްމަދު މޫސާ އާއި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ.
އަފްރާޝީމް ވަކިކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ ޑީއާރްޕީ/ޕީއޭ ކޯލިޝަންގެ މެމްބަރުންގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ އިބްރާހީމް މުއްތޮލިބާއި ގުރައިދޫ ދާއިރާގެ އިބްރާހީމް ރިޒާ އާއި ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރާއި މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދެވެ. ދާދި ފަހުން ޑީއާރްޕީން ވަކިވި ވެލިދޫ ދާއިރާގެ އަލީ މުހައްމަދު ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ