1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގައި ދިވެހި ޤައުމާ ދީނަށްޓަކައި އަމިއްލަ ފުރާނަ ޤުރުބާން ކުރެއްވި ޝަހީދުންނަކީ ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފޮހެވިގެންދާނެ ބައެއް ނޫން ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންމިދާ 26 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ 3 ނޮވެމްބަރުގެ ޢުދުވާނަކީ އެއްވެސް ދިވެއްސަކު ހަނދާން ނެތޭނެ އަދި ހަނދާން ނައްތާލައިގެން ވާނެ ދުވަހެއް ނޫން ކަމަށެވެ.
އަދި އެއުދުވާނަށް 26 އަހަރު ވެފައިވީނަމަވެސް އެމަނިކުފާނުގެ ހިތްޕުޅުގައި އެދުވަހުގެ ހުރިހާ ހަނދާނެއް ވަރަށް ތާޒާކޮށް އަދިވެސް އެބަހުރި ކަމަށް އެމަނިކުފަނު ވަނީ ވިދާޅުވެފައެވެ. މައުމޫން ޢަބްދުލް ޤައްޔޫމު ވަނީ އެދުވަހަކީ ބިރުވެރި ނާމާން ދުވަހެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އެދުވަހު ދިވެހިންވީ ޤުރުބާނީތަކުގެ ސަބަބުން އުދުވާނުން ނަސްރު ލިބުނީ ދިވެހިންނަށް ކަމުގައި މައުމޫނު ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި ހަމައެއާއިއެކު އެދުވަހު ދިވެހި ލޮބުވެތި ރައްޔިތުންނާއި ދިވެހި ސިފައިންގެ ޤައުމީ ލޯތްބާއި، މިނިވަންކަމާއި އިސްލާމްދީނަށް ދިވެހިންގެ ހިތުގައި އޮތް ވަރުގަދަ ލޯބި ވަރަށް ރަނގަޅަށް ދައްކުވައިދިން ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ އެދުވަހު ދިވެހި ފަސްގަނޑު އެހެން ބައެއްގެ އަތްދަށަށް އަތްދަށް ދިޔަނުދީ ސަލާމަތް ކުރުމަށް އަވަށްޓެރި އިންޑިއާގެ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށް އޭރުގެ ބޮޑުވަޒީރު، ރާޖީވް ގާންދީއަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
އޭގެ އިތުރުން ދިވެހި ޤައުމަށްޓަކައި ޝަހީދުވި އެންމެހާ ފަރާތްތަކަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށާއި އެންމެހާ ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ޝަހީދުންގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ