9 މަސް ތެރޭ ސައުދީ ސަރުކާރުގެ 103 މީހުންގެ މައްސަލަ ކޯޓުތަކަށް

ފާއިތުވި 9 މަސް ދުވަސް ތެރޭގައި ސައުދީ ސަރުކާރުގެ 103 މީހެއްގެ މައްސަލަ ސައުދީ ކޯޓުތަކަށް ހުށަހަޅައިފިއެވެ. މީގެތެރޭގައި ރައްޔިތުންގެ ކަންކަމަށް އިހްމާލުވުމާއި ފަރުވާކުޑަކުރުމުގެ މައްސަލަތައް ވެސް ހިމެނެއެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިހުމާލުވުމާއި ފަރުވާކުޑަކުރުން ފަދަ ކަންކަން ސައުދީގައި މިހާރު ކަނޑައަޅާފައި ވަނީ ކުށުގެ ގޮތުގައެވެ.
ޚާއްޞަކޮށް އެއްވެސް ކަމެއްގައި ކޮރަޕްޝަނުގެ މައްސަލައެއް ހިނގައިފިނަމަ އެކަމެއް ސައުދީ ސަރުކާރުން ނަގަނީ ޖިނާޢީ ބޮޑުކުށެއްގެ ގޮތުގައެވެ.
މުވައްޒިފުންގެ މައްސަލަތައް ބެލުމަށް ސައުދީ ސަރުކާރުގެ ކޮންމެ އޮފީހެއްގައި މިހާރުވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ބަލަހައްޓާނެ ޔުނިޓެއް ޤާއިމުކޮށްފައެވެ. މިޔުނިޓުތަކުން ބަލާ މައްސަލަތަކުގެތެރޭގައި ވެރިން މުވައްޒިފުންނާއިމެދު ކުރާ ކަންކަންވެސް ހިމެނެއެވެ.
މައްސަލަތައް ބަލައިގަތުމުގެ އިތުރުން މުވައްޒިފުން ހޭލުންތެރިކުރުވުމާއި ތަމްރީނުކުރުމަކީވެސް އެ ޔުނިޓުތަކުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
މައްސަލަތައް ވީހައި މަދުކުރުމުގެ ގޮތުން ސައުދީ ޖަސްޓިސް މިނިސްޓްރީ އާއި ސަރުކާރުގެ މައި އިދާރާތައް ވަނީ އެއްލައިނަކުން ގުޅައިލާފައެވެ. ބޭނުމަކީ އެއްވެސް ކަމެއްގައި ޖަސްޓިސް މިނިސްޓްރީގެ ލަފައެއް ބޭނުންވެއްޖެނަމަ ވަގުތުން ފޯރުކޮށްދިނުމެވެ.
ސައުދީ ސަރުކާރުން ބުނެފައިވަނީ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކަންކަން އަވަސްކޮށްދިނުމާއި ފުރިހަމައަށް ކޮށްދިނުމުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަަމަށެވެ. އަދި ޝަކުވާތަކާއި މައްސަލަތައް ވަރަށް ބޮޑަށް މަދުވަމުން އަންނަ ކަަމަށެވެ.
ސައުދީ ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް ސަލްމާން ރަސްެގެފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެދަށުން ދާދިފަހުން ވަނީ ރައްޔިތުންގެ ޝަކުވާ ބަލާ ޝަރުޢީ ކޮމިޝަނަށް 25 ފަނޑިޔާރުން އިތުރުކުރައްވާފައެވެ. އަދި 100 ފަނޑިޔާރުންނަށް ވަނީ ޕްރަމޯޝަން ދެއްވާފައެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވެފައިވަނީ އެކޮމިޝަނަށް ހުށަހަޅާ ޝަކުވާއަކަށް ޖަވާބު ނުލިބި 5 ދުވަސް ވެއްޖެނަމަ އެމަނިކުފާނުގެ އަރިއަހަށް އެކަމެއް ހުށަހެޅުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ