ޕްރައިމަރީއަކާ ނުލާ ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓް ރާޒީއަށް ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓް މ. މަޑުއްވަރީ، ކާނިގޭ، އަހުމަދު ރާޒީއަށް ލިބިއްޖެ އެވެ.
ދިއްގަރު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ރާޒީއަށް ލިބުނީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ރާޒީއާއެކު ކުރިމަތިލި މ. ތްރީއޭވިލާ، އިބްރާހިމް ޖިހާދުގެ ނަން އަނބުރާ ގެންދެވުމުން ނެވެ.
ޖިހާދު ފުރުސަތު ދޫކޮށްލުމާ ގުޅިގެން އެމްޑީޕީގެ ޓިކެޓް ޕްރައިމެރީއަކާއި ނުލައި ރާޒީ އަށް ވަނީ ލިބިފަ އެވެ.
އެމްޑީޕީގެ ޓިކެޓް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ މިއަދު މެންދުރުފަހު 3:00 ޖެހިއިރު އެވެ.
އެ މުއްދަތުގެ ތެރޭގައި ކުރިމަތިލައްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ނައިބް އަދި ތްރީއޭ ކޮމްޕެނީ އެއް ޑިރެކްޓަރު އަލީ ޝިޔާމްގެ ކޮއްކޮ އިބްރާހިމް ޖިހާދާއި މ. މަޑުއްވަރީ ކާނިގޭ އަހުމަދު ރާޒީއާއި އެލްޖީއޭގެ ކުރީގެ ނައިބް ރައީސް ޝުޖާއު ހުސައިން އެވެ. ޝުޖާއު ޝަރުތު ހަމަ ނުވާ ކަމަށް އެމްޑީޕީން ވަނީ ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލީ އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޑަޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނުމަށްފަހު އެވެ. އެ މަޝްވަރާތަކަށް ވީގޮތެއް އިދިކޮޅު ފަރާތްތަކުން ބުނެފައެއް ނުވެ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓް އަހުމަދު ރާޒީއަށް ލިބުނު އިރު، ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން އެ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫނަށް ވަނީ ޓިކެޓް ދީފަ އެވެ.
ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ