ޝަރުތުތަކަކާއެކު މަޝްވަރާ ކުރަން އައުމުން މަޝްވަރާގެ ބޭނުން ކެނޑޭ: މައުމޫން
މަޝްވަރާ ކުރަން ބަޔަކު އަންނަން ވާނީ ހުޅުވިފައި އޮންނަ ހިތަކާއެކު ކަމަށާއި ޝަރުތުތަކަކާއެކު މަޝްވަރާ ކުރަން އަތުވެއްޖެނަމަ މަޝްވަރާގެ ބޭނުމެއް ނެތް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. އިންޑޮނޭޝިއާގެ ބާލީގައި ބޭއްވި އިންޓަނޭޝަނަލް އެނާޖީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސަރުކާރު ހިންގާ ޕީޕީއެމަކީ ހުރިހާ ސިޔާސީ ޕާޓީ ތަކަކާއެކު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ޕާޓީއެއް ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ޝަރުތަތަކާނުލައި މަޝްވަރާކޮށް ކަންކަން ނިންމަން ޖެހޭނެ ކަމަށެވެ. އިންޓަނޭޝަނަލް އެނާޖީ ސަމިޓުގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ މިރޭ ބައްދަލު ކުރައްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު "އެހެންވީމަ އެގޮތަށް ޖުމްހޫރީ ޕާޓީން ގަބޫލު ކުރައްވައިގެން އެބޭފުޅުން ވަޑައިގަންނަވަންޏާ ރަނގަޅު. އެހެން ޕާޓީތަކުން އެކަން ގަބޫލު ނުކުރައްވަންޏާ އޭގައިދެން ކުރާނެ ކަމެއް ނެތް. ނަމަވެސް ޕީޕީއެމް އަބަދުވެސް އޮންނާނީ ތައްޔާރަށް،" ރައީސް މައުމޫން ވިދާޅުވި އެވެ. ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާއަށް ސަރުކާރާއެކު މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރައްވާފައިވާ އިލްތިމާސަށް އިޖާބަދީ އެއްވެސް ޝަރުތަކާ ނުލައި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ތައްޔާރުވެ ސަރުކާރާއެކު މަޝްވަރާ ކޮށްފައި ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނެވެ. ސަރުކާރުގެ ފަރާތުން މަޝްވަރާގައި ބައިވެރިވެވަޑައިގެން މުންދު (ކ) އަދި ޖޭޕީގެ ފަރާތުން މަޝްވަރާގައި ބައިވެރިވަޑައިގެން އަބްދުﷲ ރިޔާޒު (ވ) ސަލާމް ކުރައްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު ޖޭޕީއާ އެކު ސަރުކާރުން ވަނީ މަޝްވަރާ ބައްދަލުވުންތައް ފަށާފަ އެވެ. ސަރުކާރާއެކު އެމްޑީޕީގެ ފަރާތުން މަޝްވަރާ ކުރައްވަން ކަނޑައެޅުއްވި ޓީމުގައި މިހާރު ހުކުމް ތަންފީޒު ކުރަމުން ދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާތީ ސަރުކާރުން ވަނީ ނަޝީދާ އެކު މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި އަދާލަތުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މިހާރު ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތުގެ ބޭނުމަށް ފުލުހުންގެ ބަންދުގައި ހުރި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަޝްވަރާތަކުގައި ބައިވެރިކުރުމެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ޝަރުތު ގަބޫލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ