އެންމެ ގިނަ ވޯޓު ހޯދާނީ ޖުމްހޫރީ ކޯލިޝަނުން: ގާސިމް

ރިޔާސީ އިންތިބާގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯދައި، ދެ ވަނަ ބުރުގައި އިންތިހާބު ކާމިޔާބުކުރާނީ ޖުމްހޫރީ ގުޅުމުން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ މެމްބަރުންގެ އަދަދު 50،000 އަށް މިހާރު އަރާ ކަމަށެވެ. އެހެންވެ ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ހާލަތެއްގައި ވެސް އެންމެ ކުރީގައި އޮވެގެން، ދެ ވަނަ ބުރުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަމަކަށަވަރު ކަމެއް،" މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި ވަނީ ޕީޕީއެމްގެ ކުރީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރާއި އައިޑީޕީގެ ރައީސް ހަސަން ޒަރީރު ޖުމްހޫރީ ގުޅުމަށް ތާއިދުކުރަން ނިންމެވުމުން އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި އުމަރުގެ ތާއީދު އޭނާ އަށް ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. އަދި ސިޔާސީ ޕާޓީއެއްގެ ދަރަޖައިގައި އުމަރުގެ ޓީމު ބަލައިގުމަށް ޖުމްހޫރީ ގުޅުމުގެ ކައުންސިލުން ނިންމުމުން އެކަމަށް ވެސް ގާސިމް ޝުކުރު އަދާކުރެއްވެވި އެވެ.
ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާ ބޭފުޅުން ނާއުއްމީދު ވިޔަ ނުދެއްވާނެ ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރެއްގެ ކަންކަން ކުރިއަށް ގެންދަވާނީ ދެފުށް ފެންނަ ގޮތަކަށެވެ.
"އަޅުގަނޑުމެންގެ މޭޒުމަތީގައި ލައްޖެހިފައި ހުރި އެންމެ ކަރުދާސްކޮޅެއް ވެސް ނޯންނާނެ،" ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަކީ ހިޔާނާތްތެރިއެއް ކަމަށް ތުހްމަތުކުރައްވައި، އުމަރާއި އޭނާގެ ބައެއް ސަޕޯޓަރުން މިރޭގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކި ބޭފުޅުން ގުޅިވަޑައިގަތީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި އެކަން ކުރައްވަނީ ތަރައްގީ އާއި ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށް ކަމަށެވެ. އަދި އެ ބޭފުޅުން ޖުމްހޫރީ ގުޅުމުގެ ފަހަތަށް ވަޑައިގަތީ ގައުމު އަމާން ބަނދަރަކަށް ގެންގޮސްދީ، އިސްލާމްދީން ދަމަހައްޓައި ނެގެހެއްޓުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އިންތިހާބުގައި ވަކި ބަޔަކު ބަލިވާ ނަމަ، ބައިނަލްއަގުވާމީ މުޖުތަމައު އިން އެ އިންތިހާބު ގަބޫލުނުކުރާ ފެންވަރަށް ކަންތައްތައް ގެންގޮސްދާނެ ކަމަށެވެ. އެހެންވެ އިންތިހާބަށް ވޯޓް ރަޖިސްޓްރީ ކުރުމަށާއި އަވަހަށް ވޯޓްލުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުމަށް މިރޭ ވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.
"ކޮންމެ ގޮތަކުން ނަމަވެސް" އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވާ ކަމަށާއި ކޮންމެ ގޮތަކުން ވެސް ވެރިކަން ހޯއްދެވުމަށް ނަޝީދު މަސައްކަތްޕުޅު ކުރައްވާނެ ކަން ފެބްރުއަރީ 8 ގެ ހުޅުޖެހުމުންނާއި ރާއްޖެ ބޮއިކަޓްކުރުމަށް ގޮވާލެއްވުމުން ސާފުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ