ކުރީގެ މެމްބަރު އާދިލްގެ މައްޗަށް ހައި ކޯޓުން ވެސް ކުށް ސާބިތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން އާދިލް ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ބެހުނުކަމުގެ ތުހުމަތު އާދިލްގެ މައްޗަށް ކުރެވުނީ އޭނާ މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް 2011 ގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި އޭނާ އޭރު ހައްޔަރުކޮށް ދައުވާ ކުރުމުން މާޗް، 2012 ގައި ކްރިމިނަލް ކޯޓުން ނިންމީ އާދިލްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.
ދަށު ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހުކުމްކުރި ނަމަވެސް އެ ހުކުމުގައި ފާހަގަކުރި ކަންތައްތައް ސާފެއް ނުވެ އެވެ. ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކުގެ ޝަރީއަތްތަކަކީ ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތްތަކެކެވެ.
އެނގިފައިވާ ގޮތުގައި އެގޮތަށް ހައި ކޯޓުން މިއަދު ނިންމީ އެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުންނެވެ. ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް އެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޔޫސުފް ހުސައިން ރައުޔު ނެރުއްވި ނަމަވެސް ފަނޑިޔާރު އައްބާސް ޝަރީފްގެ ރައުޔަކީ އާދިލްގެ މައްޗަށް އެ ކުށް ސާބިތުވާ މިންވަރުގެ ހެކި އެބަހުރި ކަމަށާއި އެހެންވެ ދަށު ކޯޓުގެ ނިންމުން ބަދަލު ކުރަންޖެހޭ ކަމަށެވެ.
އާދިލްގެ މައްޗަށް އެ ކުށް ސާބިތުވި ނަމަ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ