ގަވާއިދުން ބޭރުންކުރާ ކަމަކަށް އެއްބާރުލުން ނުދިނުމަކީ ސަރުކާރަށް ކުރެވިދާނެ ކަމެއް: މެމްބަރު ނަޝީދު

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މަޖިލީހުގެ ގަވާއިދުގެ ބޭރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ނުދިނުމަކީ ސަރުކާރަށް ކުރެވިދާނެ ކަމެއް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް އެ ކޮމިޓީން ކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި މިނިސްޓަރުންނާއި ސަލާމަތީ ބާރުތަކުގެ ބޭފުޅުން އަދި ސަރުކާރުގެ އިސް ބޭފުޅުން ކޮމިޓީ އަށް ހާޒިރުނުވާ ގޮތަށް ރައީސް މުހަންމަދު ވަހީދު ވަނީ ކަނޑައަޅުއްވައިފަ އެވެ.
މެމްބަރު ނަޝީދުގެ ބްލޮގްގައި ވިދާޅުވީ މަޖިލީހުގެ ކޮމިޓީއަކުން ގަވާއިދުން ބޭރުންކުރާ ކަމަކާ ހެދީ އެ ކޮމިޓީއަކަށް ސަރުކާރުން އެއްބާރުލުން ނުދިނުމަކީ މަޖިލީހުގެ ހުރުމަތް ކެނޑުން ކަމަކަށް ނުވާނެ ކަމަށެވެ. އަދި އެއީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ދިނުން ނުވަތަ ގާނޫނު އަސާސީން ބޭރުވުން ކަމަށް ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކޮމިޓީން އެ މައުލޫއުގައި ހިންގަމުން ގެންދާ މަސައްކަތަކީ، މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ހިންގާ މަސައްކަތެއްކަން ފާޅުގައި އެނގޭ ކަމަށްޓަކައި، އަދި އެކަން ރަނގަޅުކުރުމަށް މަޖިލީހުގެ ރައީސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އަދި އެކަން ރަނގަޅުކޮށްދޭން އެޓާނީ ޖެނެރަލް އެދިވަޑައިގަތުމުން ވެސް، އެކަމާ އެއްވެސް ވަރަކަށް މަޖިލީހުގެ ރައީސް އަޅާނުލައްވައި ކުރިއަށް ވަޑައިގެންފައިވާތީ، އެ މައުލޫއުގައި މަޖިލީހުގެ ގަވާއިދުން ބޭރުން، އެ ކޮމިޓީން ކުރާ މަސައްކަތަށް އެއްބާރުލުން ނުދިނުމަކީ ސަރުކާރަށް ކުރެވިދާނެ ކަމެކެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ހުރުމަތް ކެނޑުން ކަމުގައި ވާނީ ނުވަތަ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ގެނައުން ކަމުގައިވާނީ ނުވަތަ ގާނޫނު އަސާސީއާ ހިލާފުވީ ކަމުގައިވާނީ، އެ ކޮމިޓީއާ ގަވާއިދުގެ ދަށުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ކޮމިޓީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ކޮމިޓީން ސައްހަ ގޮތުގައި ކުރާ ކަންކަމުގައި އެއްބާރުލުން ނުދިނުމުން ކަމަށެވެ. އަދި އެ ކޮމިޓީން ސައްހަ ގޮތުގައި ކުރާ އަމުރުތަކަށާއި ކޮމިޓީން ސައްހަ ގޮތުގައި އަންގާ އެންގުންތަކަށް ތަބާނުވުމަކީ ވެސް މަޖިލީހުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ގާނޫނުގެ ފްރޭމުން ބޭރުން ހިނގާ ކަމެއްގައި އެއްބާރުލުން ނުދީގެން ނުކުންނާނެ ގާނޫނީ ނަތީޖާއެއް ނޯންނާނެ އެވެ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް ބައެއް ގާނޫނީ ވަކީލުންގެ ރައުޔު ތަފާތެވެ. ކުރީގެ ސަރުކާރުގެ ބަންޑާރަ ނާއިބުކަން ކުރެއްވި ހުސްނުއް ސުއޫދު ވިދާޅުވީ ސަރުކާރުން ކޮމިޓީ އަށް ހާޒިރުނުވާން ނިންމުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވީ މަޖިލީހާއި ސަރުކާރާ ދެމެދު ހިލާފެއް އުފެދިއްޖެ ނަމަ އެ މައްސަލައެއް ހައްލުކުރަން ޖެހޭނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށެވެ.
މެމްބަރު ނަޝީދު ރޭ ލިޔުއްވި އާޓިކަލްގައި ވެސް ވަނީ ކޮމިޓީގެ މަސައްކަތުގެ މައްސަލަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިސްތަށިފުޅުގައި އަޅުވައިފަ އެވެ. ނަޝީދު ވިދާޅުވީ މައްސަލަ އަކީ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު އަދި ކޮމިޓީގެ މެމްބަރުންނެއް ވެސް ނޫން ކަމަށެވެ. އަދި ކޮމިޓީގެ މެމްބަރުން ވެސް އެ ބޭފުޅުންނަށް ސިޔާސީ ގޮތުން މަންފާއެއް ލިބެން އޮތް ކަމެއްގައި "ބާރަށް ހިފާނެ" ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލަ އަކީ މަޖިލީހުގެ ރައީސެވެ. އޭނާ ގަވާއިދު އޮޅާލައި، ނޭނގޭ ކަމަށް ހަދައިގެން ފުރަގަހުގައި ހުރެ، ހަމައެކަނި ސިޔާސީ ގޮތުން މުޅި ގޭމް ކުޅޭތީ އެވެ. އެކަން ގަބޫލުކުރަން އުނދަގޫވަނީ އެވެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ