ރިޔާސީ އިންތިހާބުގައި 31،000 މީހުން އަލަށް ވޯޓުލާނެ: އިލެކްޝަންސް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 31،000 މީހަކު އަލަށް ވޯޓް ލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރަ"ށް ދެއްވި އިންޓަވިއުގައި ފުއާދު ވިދާޅުވީ ވޯޓް ރަޖިސްޓްރީން މިހާރު ދައްކާ ގޮތުގައި، ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ އަދަދަކީ 240،302 އެވެ. އެންމެ ފަހުން 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބުނު މީހުންގެ އަދަދަކީ 209،294 އެވެ.
މިހާރު އެކުލަވާލާފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގުލިބިގެންވަނީ 123،565 ފިރިހެނުންނާއި 116،737 އަންހެނުންނަށެވެ.
"[ނަމަވެސް] ވޯޓްލާ މީހުންގެ ރަޖިސްޓްރީ މުޅިން ފައިނަލްކުރާއިރު، މި އަދަދުތަކަށް ފަހަރެއްގައި އުނި އިތުރު އަތުވެދާނެ،" ފުއާދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ޕާޓީތަކުން ކެމްޕޭން ކުރަމުން ދާއިރު، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޖުލައި މަހު މެދެއްހާ ހިސާބުގައި ހުޅުވާލާނެ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އިންތިހާބަށް ތައްޔާރުވުމުން އަންނަ ކަމަށާއި އިންތިހާބަށް މީހުން ހޭލުންތެރިކުރުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ބަޖެޓްގެ ތާށިކަން ބޮޑުވެފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. މި އަހަރު އިލެކްޝަންސް ކޮމިޝަނަށް 59 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ރިޔާސީ އިންތިހާބަށް އެކަނި ވެސް 60 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކޮމިޝަނުން ލަފާކުރެ އެވެ.
ރިޔާސީ އިންތިހާބާއި އެހެން އިންތިހާބުތައް ބޭއްވުމަށް ފައިސާ ހަމަޖައްސައިދޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ