ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރަން އެއްމާބަނޑު ދެބެއިން ވަރުގަދަ ކުރިމަތިލުމަކަށް ނުކުމެވަޑައިގެންފި އެވެ. މިއީ، އެނގިފައިވާ ގޮތުގައި، ވާދަވެރި ބޮޑު އިންތިހާބެއްގައި އެއްމާބަނޑު ދެބޭން ވާދަކުރާ ވެސް ފުރަތަމަ ފަހަރެވެ.
އަންނަ މާޗް މަހު ބާއްވާ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ގޮނޑި އަށް އެމްޑީޕީގެ ޓިކެޓް ހަސަން ނިޒާރު އިބްރާހީމް (ހަސަންބެ) އަށް ކަށަވަރުވެފައިވާއިރު، އޭނާގެ ބޭބެ ކުރީގެ ހާއްސަ މަޖިލީހުގެ މެމްބަރު އަދި މިހާރު ކެޔޮދޫ ކައުންސިލްގެ ރައީސް މޫސާ ނިޒާރު އިބްރާހީމް ވާދަކުރައްވަން ނިންމަވާފައި ވަނީ ސަރުކާރުގެ ކޯލިޝަނުންނެވެ. އެނގިފައިވާ ގޮތުގައި އެ ދާއިރާ އަށް ކޯލިޝަނުން މޫސާ ނިޒާރު ނޫން އެހެން ބޭފުޅަކު ވާދައެއް ނުކުރައްވަ އެވެ. އެހެންވެ، އަމިއްލަ ގޮތުން އިތުރު ކެންޑިޑޭޓުންތަކެއް އެ ދާއިރާ އަށް ކުރިމަތިލެއްވިޔަސް، ގަދަ ހިފުމަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އެއްމާބަނޑު ދެބޭފުޅުންނެވެ.
އެމްޑީޕީން މިއަދު ބުނި ގޮތުގައި ކެޔޮދޫ ދާއިރާގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަސަންބެ ފިޔަވައި އެހެން ހުރިހާ ބޭފުޅުންގެ ނަަން ވަނީ އަނބުރާ ގެންދަވައިފަ އެވެ. އެހެންވެ އެ ދާއިރާގެ ޓިކެޓް މިހާރު ހަސަންބެ އަށް ލިބިވަޑައިގެންފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ބާޒާރުމަތީގައި ހުންނަ ސޯސަން ފިހާރައިގެ އެއް ކޭޝިއަރު ހަސަންބެ މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި، އެއްމާބަނޑު ބޭބެއާ ވާދަކުރައްވަން ޖެހިވަޑައިގަތަސް ހާސްވުމެއް ނެތެވެ.
"ބޭބެ ބަލިވާނެކަން އަޅުގަނޑަށް ޔަގީން. އެކަމާ އެއްވެސް ޝައްކެއް ނެތް. ކެޔޮދޫ ދާއިރާ އެންމެ ބޮޑަށް އެނގޭ މީހަކަށް ވާނެ ޔަގީނުން ވެސް އަޅުގަނޑު. އެހެންވީމާ އެއްވެސް ޝައްކެއް ނެތް ހޮވޭނެ ކަމާ މެދު،" އުމުރުން 48 އަހަރުގެ ހަސަންބެ ވިދާޅުވި އެވެ.
ހަސަންބެ އުފަންވީ، މޫސާ ނިޒާރަށް ވުރެ އެންމެ ފަސް މިނެޓް ފަހުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ގޮނޑިއަކަށް ދެބޭފުޅުން ވާދަކުރައްވަން ޖެހިވަޑައިގަތަސް އާއިލީ ގުޅުމަށް ބުރުލެއް ނާރާނެ އެވެ. އަދި މިހާ ބޮޑު ކުރިމަތިލުމަކަށް ވަޑައިގަންނަވާއިރު ކޮންމެ ތަނަކުން ދިމާވިޔަސް ދެ ބޭފުޅުންނަށް ވާހަކަ ދެއްކެވޭނެ ކަމަށް ހަސަންބެ ވިދާޅުވި އެވެ. ހަސަންބެ މާލޭގައި ދިރިއުޅުއްވާއިރު މޫސާ ނިޒާރު ދިރިއުޅުއްވަނީ ރަށުގަ އެވެ.
މިކަމާ ގުޅޭ ގޮތުން މޫސާ ނިޒާރު އަދި އެއްވެސް އެއްޗެއް ވިދާޅުވާކަށް ބޭނުމެއް ނޫނެވެ. މޫސާ ނިޒާރަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީ ފުރަތަމަ ޑިގްރީ ހާސިލުކުރައްވައި އަދި މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އަށް ކިޔަވަން ފައްޓަވާފައިވާ ބޭފުޅެކެވެ. ދިވެހި ރާއްޖޭގެ އަޑުން ކޮންމެ ދުވަހަކު ހެނދުނު ކީރިތި ގުރްއާނުގެ ދިވެހި ތަރުޖަމާ ފޮނުވަނީ ވެސް މޫސާ ނިޒާރުގެ އަޑުންނެވެ.
ކެޔޮދޫ ދާއިރާގެ ވާދަވެރިކަން އެއްމާބަނޑު ދެބޭންގެ މެދުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ