ސިޔާސީ ޕާޓީތައް ހެދުމުގެ ނަމުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި މަހުޖަނުން ރައްޔިތުން ވިއްކަމުންދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ނ. އަތޮޅުގައި ކުރިއަށް ގެންދާ ކެމްޕޭން ދަތުރުގައި އެ އަތޮޅު ވެލިދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކޯލިޝަން ހަދަމުން ދަނީ އެ ޕާޓީތަކުގެ މެމްބަރުން "ވެރިންނަށް ދޭން" ކަމަށެވެ. އެއީ ތަރައްގީގެ ދުވެލި ފަހަތަށް ޖެހޭނެ ކަމެއް ކަމަށާއި އަމިއްލަ ވިސްނުމާއި މުސްތަގުބަލް ފައިސާ އަށް ވިއްކާނުލުމަށް ނަޝީދު ގޮވާލެއްވި އެވެ. އަދި ފައިސާ އަށް ވޯޓު ވިއްކާލުމަކީ "ބަޣާވާތެއް" ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.
"ކޯލިޝަން ހަދަން ޕާޓީ އެބޭފުޅުން ވެރިންނަށް ދެއްވާއިރު ހައްދަވާ ކޯލިޝަންގައި ގުޅިފައި މިތިބެނީ، ނަގޫ ގޮއްޖެހިފައި މި ތިބެނީ ހަމައެކަނި މި ވެރިން. އޭގެ ދަށުގައި ތިބި ރައްޔިތުންނާ މިކަމަކާ ގުޅުމެއް އޮތް ކަމެއް ނޭނގެ. އަޅުގަނޑު ނުދެނެހުރިން ފައިސާ ނަގައި ނަގޫ ގޮއްޖަހައިގެން ސުވަރުގެ ދެވޭ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީތަކުން ކޯލިޝަން ހަދަނީ އެ ޕާޓީތަކުގެ "ވެރިން" ކަމަށާއި ދަންވަރު "މައްލަވަކޮށް ސައްލާކުރަނީ" ވެސް ވެރިން ކަމަށެވެ. ކޯލިޝަނުގެ ކަންކަން ޕާޓީތަކުގެ އާއްމު މެމްބަރުންނަށް ނޭނގޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވި ގޮތުގައި ލާދީނީއޭ ބުނެ އެމްޑީޕީ އަށް ތުހުމަތުތައް ކުރުމަށް ފަހު އެންމެ ފަހުން އެ ޕާޓީން ކޯލިޝަން ހަދާފައި ވަނީ އެމްޑީޕީގެ ވެރިކަމުގެ ނައިބު ރައީސަކަށް ހުންނެވި ރައީސް މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދާ ކަމަށެވެ. ރައީސް ވަހީދަކީ "ބަޣާވާތް ކުރައްވާފައިވާ" ބޭފުޅެއް ކަމަށާއި އޭގެ އިތުރުން ރައީސް ވަހީދަކީ "ހެޔޮ ކަމެއް ކުރައްވައިގެން ހުންނެވި ބޭފުޅެއް ނޫން" ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިހާރު ވެރިކަމުގައި އެ ހުންނެވީ ހަރާމްކަމެއްގެ މަތީގައި ހުންނެވި ބޭފުޅެއް. ކަނޑައެޅިގެން ހަރާމްކަމެއް [ބަޣާވާތްކުރުމަކީ]. އަޅުގަނޑުމެންގެ މި އާލަމްގައި ކުރާ ވެރިކަމަކީ ސީދާ މާތް ރަސްކަލާނގެ ހަޒުރަތުން ކުރާ ވެރިކަމެއް. އެ ވެރިކަމަކީ ބަޣާވާތްކޮށްގެން އެއްވެސް ހާލެއްގައި ހަލާލުވާނެ ވެރިކަމެއް ނޫން. މި ރާއްޖޭގެ ވެރިކަމަކީ ނަހަލާލު ވެރިކަމެއް، މިހާރު މި ރާއްޖޭގައި ހިނގަމުންމި ދަނީ ހަރާމްކަމެއް،" ރައީސް ވަހީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަތުން ފޭރިގަތް ވެރިކަން ހޯދުމަށް އެ ޕާޓީން "ބަޣާވާތް ނުކުރީ" ނުބައި ކަމަކާއި ނުބައި ކަމެއް އެއްވުމުން ހެޔޮ ކަމަކަށް ނުވާނެތީކަން އެނގިވަޑައިގަންނަވާތީ އެވެ. އެ ޕާޓީގެ އަމާޒަކީ ހެޔޮ ގޮތުގައި ވޯޓުން ކާމިޔާބުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެއްވެސް ކަމަކަށް ދެ ބުރެއް މިހާރު ނެތް ކަމަށާއި އިންތިހާބު ކާމިޔާބުކުރަން ޖެހެނީ އެއް ބުރުން ކަމަށެވެ. އިންތިހާބަށް ކުރިމަތިލައްވަނީ ފަސް އަހަރުގެ ތެރޭގައި ކޮށްދޭނެ އާ ސިޔާސަތާ އެކުގައި ކަމަށާއި އެ ސިޔާސަތުގެ އަމާޒަކީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅުކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތައް ހެދުމުގެ ނަމުގައި މަހުޖަނުން ދަނީ ރައްޔިތުން ވިއްކަމުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ