ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދޭނެ އިތުރު ގަޑީގެ ފައިސާއެއް ނެތް: އުއްތަމަ ފަނޑިޔާރު

ޝަރުއީ ދާއިރާ އަށް މި އަހަރަށް ލިބިފައިވާ އިތުރު ގަޑީ ފައިސާ މި މަހުގެ ނިޔަލަށް ހުސްވެއްޖެ  ކަމަށާއި އަންނަ މަހުން ފެށިގެން ދޭނެ އިތުރު ގަޑީގެ ފައިސާ ނެތް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ޑްރަގް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކޯޓުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުތަކަކީ މިނިވިން މުސްތަގިއްލު ބާރެއް ކަމަށް ވިޔަސް އެ ބާރު ހިންގަން ބޭނުންވާ ފައިސާގެ ނިޒާމު އަދިވެސް މިނިވަން ވެފައިނުވާ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާއިރު އައު މުވައްޒަފުން ހޯދޭނެ ގޮތެއް ވެސް ނެތް ކަމަށާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ވެސް ނުހިންގޭނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ހިތުން އަދި އަޅުގަނޑުމެންގެ ޖުޑިޝަރީ މުސްތަގިއްލު ވެއްޖެއެކޭ ބުނާނެ ޖާގައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭނެ. ފައިސާގެ މިނިވަންކަން ލިބިގެން ނޫނީ ޖުޑިޝަރީ ބޭނުންވާ ގޮތަކަށް ޖުޑިޝަރީއެއް ނުހިންގޭނެ،" ފާއިޒު ވިދާޅުވި އެވެ.
ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ކޮންމެ ރެއަކު ބާއްވަމުން އަންނަ މަޖިލިސް އަންނަ މަހުން ފެށިގެން ނުބޭއްވޭނެ ކަމަށާއި އަދި ނުރަސްމީ ގަޑީގައި ކައިވެނިކޮށް ދިނުމަށް ފެމިލީ ކޯޓުގެ މުވައްޒަފުންނަށް ދޭނެ އިތުރު ގަޑީގެ ފައިސާއެއް ވެސް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ހަމައެގޮތަށް ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް ވެސް އަންނަ މަހުން ފެށިގެން އިތުރު ގަޑީގެ ފައިސާއެއް ނެތް ކަމަށް ވިދާޅުވި އެވެ. އެކަން ހައްލު ކުރުމަށް އެކި ފަރާތްތަކާ މަޝްވަރާ ކުރަމުން އައި ނަމަވެސް ހައްލެއް ލިބިފައިނުވާ ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.
"ފަނޑިޔާރުން ހަމައެކަނި ރަސްމީ ގަޑީގައި ޝެޑިއުލްކޮށްފައި ހުންނަ ޝަރީއަތްތައް ކުރައްވަނީ، ރޭގަނޑާއި ނުރަސްމީ ގަޑިތައް ހިމަނައިގެން އެދުވަހެއްގައި އެ ކުރެވޭ ޝަރީއަތްތަކާއި އަދި ނިމިފައި ހުރި ޝަރީއަތްތަކާއި ހުށަހެޅިފައިހުރި ޝަރީއަތްތަކުގެ ދިރާސާތައް ކޮށް މިހަދަނީ ނުރަސްމީ ގަޑީގައި ރޭގަނޑުގެ ވަރަށް ގިނަ ވަގުތުތައް ހޭދަ ކުރައްވައިގެން. ފަނޑިޔާރުންގެ މި ހުރިހާ މަސައްކަތެއް ގުޅިފައިވަނީ ފަނޑިޔާރުންނަށް އެހީވެދޭ އިދާރީ މުވައްޒަފުންނަށް، އިދާރީ މުވައްޒަފަކު އިތުރު ގަޑީގައި ނެރޭ ކަމަށް ވަންޏާ އެ މުވައްޒަފަކަށް އެބަޖެހޭ އިތުރު ގަޑިދޭން. މިއަދުގެ ހާލަތަކީ އެއްވެސް ކޯޓެއްގެ މުވައްޒަފަކަށް ދޭނެ އިތުރު ގަޑި ދޭނެ ލާރިއެއް ނެތް. މިއަދު މިއީ މިމަހުގެ 31، ހުރިހާ ކޯޓެއްގެ އިތުރު ގަޑި މިއަދު މި ހުސްވީ،" ފާއިޒު ވިދާޅުވި އެވެ.
ޑްރަގް ކޯޓުގެ ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ މަހާޒް އަލީ ޒާހިރު ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ބަޖެޓްގެ ދަތިކަން ފާހަގަކުރައްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ފާއިޒުގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި މާލޭގެ ބައެއް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެ ވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ