ފަހުމީގެ މައްސަލާގައި ސުޕްރީމް ކޯޓު ވެސް ދެބަސްވުމަކަށް!
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމުން މުހަންމަދު ފަހުމީ ހަސަން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ އެކު އުފެދުނު ހިޔާލު ތަފާތުވުމުގެ ތެރޭގައި އެންމެފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ދެބަސްވުމުގެ ތެރެއަށް ހިނގައްޖެ އެވެ.ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފަހުމީ އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު އެ މަގާމަށް ފާތުމަތު ރީނީ އަބްދުއްސައްތާރު އައްޔަންކުރަން ނިންމީ ބުދަ ދުވަހު އެވެ. އަދި ރީނީ މަގާމުގެ ހުވާކުރެއްވުމަށް މިއަދު ކުޑަތަންވެފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރު ވަނީ އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ އަމުރެއް ނެރުއްވައިފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އެ ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންނަށް އެ އަމުރު ނެރުއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ.އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެފައި ވަނީ އެ މަނިކުފާނާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަށް އެންގުމަކާ ނުލައި އަމުރު ނެރުނީ އެފަދަ އަމުރުތައް ނެރުުމުގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ސުޕްރީމް ކޯޓުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އެވެ. މީގެ ތެރެެއިން އިންތިގާލީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ސައީދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަމުރު ނެރެފައި ވަނީ ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން ކަމަށެވެ. "އުއްތަމަ ފަނޑިޔާރު ގާނޫނު އަސާސީއާ ހިލާފަށް ނޫންތޯ ގެންދަވާފަ އޮތީ ... ހުވާލައިދޭކަން ނުފޮނުއްވޭނުންތޯ އުއްތަމަ ފަނޑިޔާރު އެގޮތަށް ހުކުމް ކުރައްވާފަ އޮތީ،" ފަހުމީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ފަހުމީގެ ބަދަލުގައި އެހެން މީހަކު އައްޔަން ނުކުރެވޭނެ ކަމަށް ފާހަގަކުރައްވަމުން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ."އެގޮތަށް ހުކުމް ކުރައްވާފައި ވަނިކޮށް ހުވާލައިދެއްވީމާ ކޮންތާކުތޯ ޖެހެނީ؟،" ފަހުމީ މަގާމުން ވަކިވި ކަމަށް ވާނީ ގާނޫނު އަސާސީގައިވާ ޕްރޮސީޖާއާ އެެއްގޮތަށް ކަންތަން ކުރުމުން ކަމަށް ފާހަގަކުރައްވަމުން ފަނޑިޔާރު ވިދާޅުވި އެވެ.އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިނުގެން އަމުރު ނެރުއްވީ ކީއްވެތޯ ސުވާލުކުރުމުން އަބްދުﷲ ސައީދު ވިދާޅުވީ އަމުރު ނެރުނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށާއި "އަޅުގަނޑު ހުކުމެއް ނުކުރަން، އަޅުގަނޑު އަމުރެއް ނުކުރަން" ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ހުކުމްތަކާއި އަމުރުތައް ނެރެނީ އަޣުލަބިއްޔަތުން ކަމަށާއި މި އަމުރު ވެސް ނެރުނީ އެގޮތަށް ކަމަށެވެ. އަދި ރީނީ ހުވާކުރުން ހުއްޓާލުމަށް އަމުރު ނެރުނީ ސުޕްރީމް ކޯޓުން ކަމަށް ވިދާޅުވި އެވެ. ފަނޑިޔާރު އަބްދުﷲ ސައީދު ވާހަކަ ދެއްކެވީ ފަހުމީ މަގާމުން ވަކިވެފައި ނުވާ ކަމަށް ދޭހަވާ ގޮތަށެވެ. އެ މަނިކުފާނު ވިދާޅުވީ އެ ގޮނޑީގައި މީހަކު އިންވަނިކޮށް އެހެން ބޭފުޅަކު އެ ގޮނޑިއަށް ނުލެއްވޭނެ ކަމަށެވެ. ރީނީ މަގާމުގެ ހުވާކުރެއްވުމަށް އުއްތަމަ ފަނޑިޔާރު ފޮނުއްވީ ހުކުމް އެނގިވަޑައިނުގެންތޯ ވެސް ސައީދު ސުވާލުކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެންމެ ފަހުގެ ނިންމުމަކީ މަޖިލީހުގެ ނިންމުން ނޫން ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުން ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ގާނޫނު އަސާސީ އަށް ކިޔަމަންވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ފަހުމީގެ ބަދަލުގައި އިއްޔެ މަޖިލީހުން ކަނޑައެޅި މެންބަރު މަގާމާ ހަވާލުވެ ވަޑަައިގަތުމަށް ތައްޔާރުވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ސީއެސްސީގެ މެމްބަރުކަމުން ފަހުމީ ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްކަނޑައަޅާފައި ވަނިކޮށް، "ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ މަގާމު ހުސްވުމުގެ ކުރިން އެ ގައިޑްލައިންތަކާ ހިލާފަށް މަގާމަށް މީހަކު އައްޔަން ކުރުމަށްޓަކައި ހުވާލައި ދިނުމާއި އައްޔަން ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރު ކޮށްފީމެވެ،" މިހެންނެވެ. ފަހުމީގެ މައްސަލާގައި ސުޕްރީމް ކޯޓުގައި ހިޔާލު ތަފާތުވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގައި ވެސް މި މައްސަލާގައި ވަނީ ހިލާފު އުފެދިފަ އެވެ. އަދި ފަހުމީ ވަޒީފާ އަށް ނިކުމެވަޑައިގަންނަވަނީ ބަންޑާރަ ނައިބުގެ ލަފަޔާ ވެސް ހިލާފަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ