ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި ހަނި ގޮތަކަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ގާސިމް އިބްރާހީމް އެއްވެސް ބަޔަކާ އެކު ކޯލިޝަން ހެދުމަށް މިހާތަނަށް މަޝްވަރާ ނުކުރައްވާ ކަމަށް އޭނާގެ ތަރުޖަމާން އިބްރާހިމް ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
"ކޯލިޝަންގެ ވާހަކަތަކަކީ އަވަސް އަރުވާލައިގެން ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށް ނުފެންނާތީ އަދި އެކަން މަޑުކޮށްލީ. އެހެން ނަމަވެސް ކޯލިޝަން ހަދާ ވާހަކަ ދައްކަން ވެގެން އެކި ފަރާތްތަކުން ގާސިމާ ބައްދަލުކުރުމަށާއި ފޯނުން ވާހަކަ ދައްކަން އެބަ އެދިވަޑައިގަންނަވާ،" ހަލީލް ވިދާޅުވި އެވެ.
އެހެން ނަމަވެސް އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ ދެވަނަ ބުރުގައި ޕީޕީއެމާ ގުޅިގެން ކުރިއަށް ދާން އުސޫލެއްގެ ގޮތުން ތާއީދުކުރައްވާ ކަމަށް ގާސިމް ވިދާޅުވި ކަމަށެވެ. ނަމަވެސް އެކަމަށް ގޮތެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމަށް ޔާމީން ވިދާޅުވި އެވެ.
ހަލީލް ވިދާޅުވި ގޮތުގައި "މީހަކު އައިސް ކަމަކަށް އެދުން" އަދި "ކަމަކަށް އެދި މީހަކު އެސްއެމްއެސްއެއް ކޮށްލުން" އެއީ މަޝްވަރާއެއް ނޫނެވެ.
ހަލީލް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިއުލާންކުރި ރޭ ގުޅާލެއްވުމަށް އެދިވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހަންމަދު ނަޝީދު، ގާސިމަށް އެސްއެމްއެސްއެއް ކުރެއްވި ކަމަށެވެ. އެކަމަކު މިހާތަނަށް ނަޝީދަށް ގާސިމް ނުގުޅުއްވާ ކަމަށް ހަލީލް ވިދާޅުވި އެވެ.
"ގާސިމް ވެރިކަމަށް ކުރިމަތިލެއްވި ސަބަބު ވަރަށް ސާފު. ގާސިމް ވެރިކަމަށް ކުރިމަތިލެއްވީ ރައްޔިތުންގެ ވެރިކަމެއް މިތަނުގައި ގާއިމްކުރަން. ގައުމުގެ ވެރިކަން ކުރުމެއް ނޫން މަގުސަދަކީ. ރައްޔިތުންގެ ވެރިކަމެއް މިތަނުގައި ގާއިމްކޮށްދިނުން. ރައްޔިތުންނަށް ފެނާއި ނަރުދަމާ އާއި ތައުލީމާއި ސިއްހަތާއި ދަތުރުފަތުރާއި މި ހުރިހާ ކަމަށް ރައްޔިތުންގެ ތަރައްގީ ގައިމުކުރެއްވުމަށް ގާސިމް ވެރިކަމަށް ކުރިމަތިލެއްވީ. ގައުމުގެ އިގުތިސޯދު ނަގައި ކޮޅަށް ޖެހުން. އެކަން އަދިވެސް އޮތީ އެގޮތަށް،" އޭނާ ވިދާޅުވި އެވެ.
އިންތިހާބުގެ ދެވަނަ ބުރަށް އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ރަސްމީ ގޮތުން އެއްވެސް ޕާޓީއަކުން އަދި އެކަމަށް ގޮތެއް ނުނިންމަ އެވެ.
އަދާލަތު ޕާޓީން ރޭ ބުނީ ޕީޕީއެމާ އެކު ކޯލިޝަން ހެދުމާ މެދު މިރޭ ކައުސިލުން ގޮތެއް ނިންމާނެ ކަމަށެވެ.
އެއްވެސް ބަޔަކާ ކޯލިޝަން ހެދުމުގެ މަޝްވަރާއެއް ގާސިމް ނުކުރައްވާ: ތަރުޖަމާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ