ކަރަންޓް ބިލްތަކަށް ސަރުކާރުން 150 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އެބައޮތް: ސްޓެލްކޯ

ދައުލަތުގެ އެކި އޮފީސްތަކުގެ ކަރަންޓް ބިލަށް ސަރުކާރުން ދައްކަން ޖެހޭ 150 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފް "ހަވީރަ"ށް ވިދާޅުވީ ކުންފުނީގެ މިހާރުގެ ބޯޑު މި އަހަރުގެ މެއި މަހުގެ ތެރޭގައި ކުންފުންޏާ ހަވާލުވިއިރު 150 މިލިއަން ރުފިޔާ ކުންފުންޏަށް ނުލިބި ހުރި ނަމަވެސް ބޯޑުން އެންމެ ފުރަތަމަ ބެލީ ކުންފުނީގެ އޮޕަރޭޝަންސް ހަމައަކަށް އެޅުވުމަށް ކަމަށެވެ. އޭރު ސަރުކާރަށް ވެސް ބޮޑެތި ގޮންޖެހުންތައް ހުރުމާއެކު މިނިސްޓްރީތަކާއި އެހެންވެސް މުއައްސަސާތަކުން އެންމެ ބޮޑަށް އިސްކަންދޭނީ ކަރަންޓް ބިލަށް ނޫންކަން ބޯޑުން ގަބޫލުކުރިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިލް ނުދައްކާ ހުރި ތަންތަނުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާއި ޕޮލިހާއި އެމްއެންޑީއެފާއި މާލޭ ސިޓީ ކައުންސިލާއި ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރާއި ސްކޫލްތައް ފަދަ ތަންތަން ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"އެހެންވީމާ 100 މިލިއަން [ނުދައްކައި] އޮތަސް އަޅުގަނޑުމެން ފުރަތަމަ ބެލީ އިންޓާނަލީ ސްޓެލްކޯގެ ތެރޭގައި ހުރި ކަންކަން ހައްލުކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ މުވައްޒަފުންގެ ކަންކަން ވެސް ހަމައަކަށް އަޅުވައި، ބޯޑުގެ ވިސްނުން މިހާރު ހުރީ ކަރަންޓް ބިލްތަކުން ކުންފުންޏަށް ނުލިބި ހުރި ގިނަ އަދަދެއްގެ ފައިސާ ހޯދުމަށެވެ.
"އަޅުގަނޑުމެން ހަވާލުވިއިރު ވެސް އައިޖީއެމްއެޗަކީ ބޮޑު އަދަދެއް ދައްކަން ޖެހިފައި އޮތް ތަނެއް. އަދި އަނެއްކާ އެ މީހުންނަށް އެބަ އެނގޭ ސްޓެލްކޯ އިން ގޮސް ބަލިމީހުން ތިބި ތަނަކުން ކަރަންޓް ކަނޑާނުލާނެކަން. އެހެންވީމަ އެ މީހުންގެ އެހެން ހުރިހާ ކަމެއް ކުރައްވާފައި ސްޓެލްކޯގެ ބިލް މި ނުދައްކަނީ. އަދި އެތަނުގައި ކެންޓީނު ހިންގާ. ކޮޓަރިތަކެއް ކުއްޔަށް ދޫކޮށްގެން ވެސް ފައިސާ ލިބޭ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ އިތުރުން އެމްބީސީ އާއި ސިޓީ ކައުންސިލްގެ އެހެން ހުރިހާ ކަމެއް ކުރާއިރު ނުދެއްކި އޮތީ ހަމައެކަނި ކަރަންޓް ބިލް ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ކަރަންޓް ބިލަށް ފައިސާ ދެއްކުމުގެ އާދަ ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކުން ވެސް އެހެނިހެން ބޭނުންތަކަށް އިސްކަން ދިނުމަށް ފަހު ކަރަންޓް ބިލް ދެއްކުމަށް ފަރުވާކުޑަކޮށްފައިވާ ކަން ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނެއް ބައި ތަންތަނުން ތްރެޓްކުރާ ކަހަލަ އުސޫލް، މިސާލަކަށް ކަރަންޓް ބިލް ދައްކާކަށް ތިމަންނަމެންނަކަށެއް ނެތޭ ފައިސާއެއް. ސަރުކާރު ބޮލަށް [ބިލް ދެއްކުމުގެ ބަހަނާ] ޖަހާފައި އެހެނިހެން ކަންކަން ބަރާބަރަށް އެބަކުރައްވާ. ބިޑް އެބަކުރައްވާ ތަންތަން. މިސާލަކަށް، ތަންތަން ކުއްޔަށް އެބަދެއްވާ ބަރާބަރަށް އޮޕަރޭޝަންސް އެބަ ހިންގަވާ. އެހެންވީމަ އެ ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލީމަ ރައްޔިތުންނަށް އެ ދޭ ހިދުމަތް ނުދެވޭނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަރަންޓް ބިލް ނުދައްކައި "ރައްޔިތުން" މެދަށް ލައިގެން އުޒުރުތައް ބައެއް ތަންތަނުން ދައްކަމުންދެ އެވެ. މާލޭގެ 30،000 ގޭބީސީ އަށް ސްޓެލްކޯ އިން ހިދުމަތް ދެމުން އަންނައިރު، އާއްމުންގެ ވިޔަފާރި އާއި އެހެން ކަންކަމަށް ވެސް ބުރޫނޭރުވުމަކީ ސްޓެލްކޯ އިން އިސްކަންދޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލީ ގުރުބާން ނުކުރެވޭނެ ކަމަށް މި 30،000 ރެސިޑެންސް އާއި ބިޒްނަސްތައް ސަރުކާރުގެ ދެތިން ކުންފުންޏަކާ ހެދި. ގުރުބާން ނުކުރެވޭނެއޭ، އެ ވަރިހަމައޭ އަޅުގަނޑުމެންގެ މަގާމް ދާން ޖެހުނަސް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ތެލާއި އިންޖީނުތަކުގެ ސްޕެއާ އެ ކުންފުންޏަށް ބޭނުންވެ އެވެ. އަދި ކަރަންޓްގެ އަގު އުފުލިގެންދާ އެންމެ ބޮޑު އެއް މައްސަލައަކީ ޑޮލަރުގެ އަގު ބޮޑުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެސްޓީއޯއިން ދޭ ތެޔޮ އަގުހެޔޮކުރަން އެ މީހުން މަސައްކަތް ކުރާއިރު ޑޮލަރުގެ ފައިނޭންޝިއަލް ކޮސްޓެއް ލާފައި އެ މީހުން އަޅުގަނޑުމެންނަށް ތެޔޮ މި ވިއްކަނީ. އެހެންވުމުގެ ސަބަބުން ހަގީގަތުގައި އަޅުގަނޑުމެންނަށް ކަރަންޓްގެ އަގު ކުޑަނުކުރެވިގެން މިއުޅެނީ،" ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ