ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންނާއި ދައުލަތާ ދެކޮޅަށް ބަޣާވާތް ކުރަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ވެސްޓް ޕާކްގައިރޭ ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ ނަޝީދުގެ ވެރިކަން ގެއްލިގެން ދިޔައީ ގާނޫނާ ހިލާފަށް ކުރި ކަންތައްތަކެއްގެ ސަބަބުން އަމިއްލަ އަށް އިސްތިއުފާ ދިނުމުން ކަމަށާއި ނަމަވެސް ވެރިކަމުން ފައިބާ ވަޑައިގަތުމަށް ފަހު މިއަދު ބަޣާވާތް ކުރަމުންދާ ކަމަށެވެ. ގާސިމް ވިދާޅުވީ ޓެރެރިޒަމްގެ ގިނަ ހަރަކާތްތަކެއް ވެސް މިހާރު ހިންގަމުންދާ ކަމަށެވެ.
"ނަމަވެސް މިއަދު ނަޝީދު އެދަނީ ނުހަނު ގިނަ ގުނަ ޓެރެރިޒަމްގެ ހަރަކާތްތަކެއް ހިންގަމުން. އެކަމުގެ ސަބަބުން އަޅުގަނޑުމެންނާއި ރައްޔިތުން އަދި ދައުލަތް މިދަނީ ނަޝީދާއި އޭނާގެ ބައިވެރިންގެ ޝިކާރައަކަށް ވަމުން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ނަޝީދު ހިންގަވަމުން ގެންދާ ހަރަކާތްތައް ހުއްޓުވަން ޖެހޭ ކަމަށާއި އެކަންތައްތައް ހުއްޓުވަން ﷲގެ މަގުގައި ހައްގު ޖިހާދެއް ކުރަން ޖެހިފައިވާ ކަމަށެވެ.
"މިއަދު މިވަނީ ދިވެހިންގެ ދީނާއި ދިވެހިންގެ ގައުމީއްޔަތާ އާދަކާދަތަކާ ދިވެހިންގެ އިސްތިގުލާލު ހިމާޔަތްކުރަން ﷲގެ މަގުގައި ހައްގު ޖިހާދެއް ކުރަން ޖެހިފައި. ހަގީގަތުގައި ވެސް ގުރުބާނީ ތަކެއް ވާން ޖެހިފައި. މި ގުރުބާނީ އަކީ މި ގައުމަށް އަމާންކަން ގެނެސްދިނުމަށްޓަކައި ވާ ގުރުބާނީއެއް. މިގުރުބާނީއަކީ ދިވެހިންގެ ދީނާއި އިސްތިގުލާލް ރައްކާތެރިކުރަން ވާ ގުރުބާނީއެއް. ހަމަހަމަކަމާއި އުހުވަތްތެރިކަމަށް ވާ ގުރުބާނީއެއް. އެ ގުރުބާނީއަކީ މިއަދު ތަހައްމަލް ކުރަމުން މި ގެންދާ އިގްތިސާދީ އަނދަވަޅުން އަރައިގަތުށްޓަކައި ވާ ގުރުބާނީއެއް،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއަށް ހަތަރު އަހަރު ފުރުމާ ގުޅުވައިގެން ހާއްސަ ކޭކެއް ފެޅުން ރޭ އޮތެވެ. އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ(ޑރ. ޑީޑީ) އާއި މެންބަރު އަލްހާން ފަހުމީ އަދި ގިނަ އަދަދެއްގެ އާންމު މެންބަރުން ވެސް ރޭގެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ޑީޑީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޅަފަތުގައި ގިނަ ކާމިޔާބީތަކެއް ލިބިގެން ދަނީ މެންބަރުންގެ ބޮޑު އެއްބާރުލުކަމާ އެކުގައި ކަމަށެވެ. އެ އަދި ޕާޓީގެ ކާމިޔާބީ އަކީ މަގުމަތީގައި ހިންގާ ސިޔާސީ ހަރަކާތްތަކާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލްތައް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނާއި ދައުލަތާ ދެކޮޅަށް ނަޝީދު ބަޣާވާތް ކުރަމުންދާ ކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ