މަރުގެ އިންޒާރަށް ފަހު ވެސް ސެކިއުރިޓީއެއް ނުލިބޭ: ގާސިމް

މަރުގެ އިންޒާރަށް ފަހު ވެސް ސިފައިންގެ ސެކިއުރިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީގެ މެމްބަރުންގެ އަދަދު 11 އިން ނުވައަކަށް މަދުކުރެއްވުމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ހުށަހެޅުއްވުމުން، އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވި ގޮތުގައި އުވިދިޔަ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލައި، އެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ޖިންސާމީ އަނިޔާ ދީފައިވާއިރު، އިމްތިޔާޒު ކޮމިޓީގެ މެމްބަރުން މަދުކޮށްލުމަކީ މަޖިލީހުގެ މެމްބަރުން ވެސް "ނިކަމެތިކޮށްލުން" ކަމަށެވެ.
"އަޅުގަނޑު މަރާލާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އަދިވެސް ސެކިއުރިޓީ ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ސަލާމަތީ ކަންކަން މިހާރު ބަލަހައްޓަނީ އޭނާގެ އަމިއްލަ ހަށިފާރަވެރިންނެވެ.
ގާސިމަށް މަރުގެ އިންޒާރު ދީފައިވާ މައްސަލަ އޭނާ ވަނީ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހްގީގުކުރަމުންނެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގުޅޭ މުހިންމު މައްސަލަތަކާއި ޝަކުވާތައް އެންމެ ގިނައިން ހުށަހަޅާ ޕެޓިޝަން ކޮމިޓީ ކުޑަކޮށްލުމަކީ ރައްޔިތުން ވެސް ނިކަމެތިކޮށްލުމެވެ. އެހެންވެ އެކަންކަމުގެ "ބޮޑު މަންޒަރު ހިޔާލަށް ގެނެވޭ،" ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްތިޔާޒު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ހުށަހެޅުއްވިއިރު، ސަރުކާރު ޒިންމާދާރުކުރުމާ ގުޅޭ ބައެއް ކޮމިޓީތަކުގެ މެމްބަރުންގެ އަދަދު 11 އިން 13 އަށް އިތުރުކުރުމަށް ވެސް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މައުރޫފުގެ ހުށަހެޅުއްވުމުގައިވެ އެވެ. އެހެންވެ އެ ހުށަހެޅުމަށް ތާއީދު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ