އާބިޓްރޭޝަންގެ މައްސަލަތައް ހައި ކޯޓުން ބެލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް ހައި ކޯޓުން އެކުލަވާލައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެކުލަވާލި ގަވާއިދު ބުނާގޮތުން އާބިޓްރަލް އެވޯޑްތައް ބާތިލްކުރުމާއި ވަގުތީ ފިޔަވަޅުތައް އެޅުމުގެ އަމުރު ބާތިލްކުރުމަށް ހުށަހަޅާ މައްސަލަތައް ބެލުމުގެ ބާރު ހައި ކޯޓަށް ލިބިގެންވެ އެވެ. އަދި އާބިޓްރަލް ޓްރައިބިއުނަލުން ބަލަމުން އަންނަ މައްސަލައެއް އެ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް އެ މައްސަލައެއްގައި ހިމެނޭ ފަރާތަކުން ފާހަގަކުރުމުން އެ މައްސަލައެއް އެ ޓްރައިބިއުނަލަށް ބެލޭނެ ކަމަށް އެތަނުން ނިންމައިފިނަމަ އެ ނިންމުން ވެސް ހައި ކޯޓަށް ބެލޭނެ ކަމަށް އެ ގަވާއިދު ބުނެ އެވެ.
އެ ގަވާއިދުގެ ދަށުން ހައި ކޯޓަށް ބެލޭ މައްސަލަތައް ހުށަހެޅުމުގެ ހުއްދައަށް އެދި ތިން މަސް ދުވަސް ތެރޭގައި ހައި ކޯޓަށް ހުށަހަޅަންޖެހެ އެވެ. އަދި އަސްލު މައްސަލަ ހުށަހެޅޭނީ އެކަމަށް ހައި ކޯޓުން ހުއްދަ ދިނުމުން ކަމަށް ވެސް އެ ގަވާއިދުގައި ބުނެ އެވެ. ގަވާއިދު ބުނާގޮތުން އެ ބާވަތުގެ ހުރިހާ މައްސަލައެއް ހައި ކޯޓަށް ހުށަހަޅާއިރު ވެސް 2،000ރ. ގެ ފީއެއް ދައްކަންޖެހޭނެ އެވެ.
އާންމު އުސޫލުން ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމަށް ނިންމަނީ އެ ކޯޓުގެ ރަޖިސްޓްރާ ނަމަވެސް އެ ގަވާއިދު ބުނާގޮތުން އެ ބާވަތުގެ މައްސަލަތައް ބަލައިގަތުމުގެ ހުއްދަ ދޭނީ ސީދާ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
އެ ގަވާއިދަކީ އާބިޓްރޭޝަން ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ހައި ކޯޓަށް ލިބޭ ބާރުގެ ދަށުން އެކުލަވާލި ގަވާއިދެއް ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެ ގަވާއިދު އެކުލަވާލީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަމަށް ހައި ކޯޓުން ބުންޏެވެ.
އާބިޓްރޭޝަން މައްސަލަތައް ބަލާނެ ގަވާއިދެއް ހައި ކޯޓުން އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ