ކަރަންޓް ޚަރަދު ކުޑަ ލެޑް ހޮޅިބުރި އާންމުންނަށް ދޫކުރަން ފަށައިފި
ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ހިންގާ ފަހިއަލި ޕްރޮގްރާމްގެ ދަށުން ކަރަންޓް ޚަރަދު ކުޑަ ލެޑް ހޮޅިބުރި އާންމުންނަށް މިއަދު ރަސްމީކޮށް ދޫކުރަން ފަށައިފި އެވެ.އެ ތަކެތި ރަސްމީކޮށް އާންމުންނަށް ދޫކުރަން ފެށީ މިއަދު ހަވީރު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ތަކެތި އާންމުންނަށް ދޫކުރުން ރަސްމީކޮށް ފައްޓަވައިދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްތަރު ހަލީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. އެ ތަކެތި އާންމުންނާ ހަވާލުކުރެއްވުމަށްފަހު މިނިސްޓަރު ވަނީ އޭގެ ހޮޅިބުރިއެއް ވިލިމާލޭ ފްލެޓެއްގެ އެޕާޓްމެންޓެއްގައި ހަރުކޮށް ދެއްވައިފަ އެވެ.ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މިއަދު ދޫކުރަން ފެށި ލެޑް ހޮޅިބުރިއަކީ އާންމުކޮށް ބޭނުންކުރާ ހޮޅިބުރިތަކަށްވުރެ އެތައް ގުނައެއް ކަރަންޓް ޚަރަދު ކުޑަ އެއްޗެއް ކަމަށެވެ. އެގޮތުން އާދައިގެ ހޮޅިބުރިއަކުން 40 ވޮޓްގެ ކަރަންޓް ބޭނުންވާއިރު މިއަދު ދޫކުރަން ފެށި ލެޑް ހޮޅިބުރިއަކަށް ބޭނުންވާނީ 16 ވޮޓާއި 18 ވޮޓާ ދެމެދުގެ ކަރަންޓު ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެ ތަކެތި ހަރު ކުރެވިއްޖެނަމަ ޚަރަދު ކުޑަވާނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ."އެނަޖީ އެފިޝަންސީ އިކުއިޕްމެންޓް ރަނގަޅު ގޮތުގައި ބޭނުންކޮށްފިއްޔާމުން ޔަގީނުން ވެސް ޚަރަދު ކުޑަ ވާނެ. އެހެންވީމާ ވީހާ ބޮޑަކަށް މީގެ މައުލޫމާތު އަޅުގަނޑުމެންގެ ދާއިރާއިން ވެސް ފޯރުކޮށްދެވިގެންދާނެ، އޭގެ އިތުރަށް ކޮންމެ ބޭފުޅަކު ވެސް ވީހާ ވެސް ބޮޑަށް މީގެ މައުލޫމާތު އެއް ކުރައްވައިގެން މިކަހަލަ އިކުއިޕްމަންޓްތައް ގޭގޭގައި ބޭނުންކުރުމަކީ ހުރިހާ އެންމެންނަށް ވެސް ފައިދާވެގެންދާނެ ކަމެއް،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.ފަހިއަލި ޕްރޮގްރާމް ތިން ބަޔަކަށް ބަހާލާފައިވެ އެވެ. އެއީ "ފަހިއަލި އިމާރާތާއި" "ފަހިއަލި ބަނދަރު" ގެ އިތުރުން "ފަހިއަލި މަގުމަތި" އެވެ. މީގެކުރިން ވަނީ ސަރުކާރުގެ އިމާރާތްތަކުގައި ބޭނުންކުރުމަށް އޭގެ 70،000 އަށްވުރެ ގިނަ ހޮޅިބުރި ވަނީ ދޫކޮށްފަ އެވެ. އޭގެ ގިނަ ހޮޅިބުރިތައް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެފަދަ ހޮޅިބުރިއެއް ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ފޯމް ހުށަހެޅުމުން އެ ފަރާތްތަކަށް އެ ތަކެތި ދޫކުރަމުންދާނެ ކަމަށެވެ. އަދި ފޯމް ހުށަހަޅާއިރު އެންމެ ފަހުގެ ކަރަންޓް ބިލް ހުށަހަޅަންޖެހޭނެ ކަމަށާއި އަދި ފޯމް ހުށަހަޅާއިރު ކޮންމެ ކަރަންޓް މީޓަރަކަށް ވަކި ފޯމެއް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ