ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރިޔާސީ އިންތިހާބުގެ ދެވަނަބުރު ނުބޭއްވުމަށް އަމުރުކޮށްފި

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލް ކުރުމަށް ސުޕްރިމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ވަކި ގޮތެއް ނިންމަންދެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނުބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.ސުޕްރީމް ކޯޓުން މިރޭ ނެރެފައިވާ އަމުރުގައި ވާގޮތުން މިގޮތަށް އަމުރު ނެރުނީ، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ ކަންތައްތަކާއި ގާނޫނު އަސާސީއަށާއި އެބާވަތުގެ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކާއި އެ މައްސަލައިގެ ބާވަތަށް ބެލުމަށް ފަހު ކަމަށް ބުނެފަ އެވެ.“…މި މައްސަލައިގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރުމަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ)ގެ މައްޗަށް ރިއާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،” ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.އެ އަމުރު ނެރެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ބަހުސްކުރުމަށް ފަހު ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ