ވިލިނގިލީ ދާއިރާގެ އިންތިޚާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރަގެ އިންތިޚާބު ބާތިލު ކުރުމަށް އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން އެމްޑީޕީގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފުންނާ ބައްދަލުކޮށް އޭނާ އަށް ވޯޓު ދިނުމަށް އަންގައި ޕީޕީއެމްގެ ކެންޑިޑޭޓް ސައުދު ހުސައިން ބިރުދައްކާފައިވާ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެންގުމާ ޚިލާފަށް ސައުދުގެ ނުފޫޒުން ކޫއްޑޫގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމަށް ފަހު އެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ސައުދު އަށް ވޯޓު ދިނުމަށް މަޖުބޫރުކޮށް އިންޒާރު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ދިންކަން ކަށަވަރު ކުރުމުގެ ގޮތުން ކޫއްޑޫގެ ކޮންމެ މުވައްޒަފަކަށް ވެސް ވޯޓު ދިނުމަށް ފަހު ވަކި ނިޝާނެއް ވޯޓު ކަރުދާހުގައި ޖެހުމަށް ސައުދުގެ މަންދޫބުން އަންގާފައިވާ ކަމަށެވެ. އެގޮތުން އެ ދާއިރާގެ ހުރިހާ ފޮށިތަކުން ޖުމްލަ 300 އަށް ވުރެ ގިނަ ވޯޓު އެގޮތަށް ޓެގްކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓާ ދެމެދު ހުރި ވޯޓުގެ ފަރަގަކީ 229 ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓެގްކޮށްފައިވާ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ނުވާތީ، ގާނޫނުގައި އެމީހަކު ލާ ވޯޓަކީ ސިއްރު ވޯޓަކަށް ވާންޖެހޭނެ ކަމަށް ބުނެފައި ވާތީ އެ ވޯޓުތަކަކީ ބާތިލް ވޯޓުތަކެއް ކަމަށް ކަނޑައަޅައި، ވިލިނގިލީ ދާއިރާގެ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.
އެ މައްސަލަ އަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ކޫއްޑޫގެ މުވައްޒަފުންނަށް އިންޒާރު ދިންކަމަށް އެމްޑީޕީން ބުނާއިރު އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ވޯޓު ކަރުދާހުގައި ކުރެހުމެއް ހުރުމަކީ އޭގެ މައްޗަށް ބިނާކޮށް އިންތިޚާބު ބާތިލު ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފާހަގަކުރެވުނު ހިސާބުން ވަގުތުން ހުށަހަޅާފައި ނުވަނީ ކީއްވެގެންތޯ ވިދާޅުވެ ސުއޫދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލާ ހަނީފާ ޚާލިދު ވިދާޅުވީ އެމްޑީޕީން ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް ކުރި ކަމަށް ބުނެ ކޮމްޕްލަޔަންސް ބިއުރޯއަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.
ވޯޓުކަރުދާހުގައި އިތުރު ނިޝާނެއް ކުރަހާފައިވާކަން ސާބިތު ކުރުމަށް އެމްޑީޕީން ވަނީ ހެކި ހުށަހަޅައިފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުއްރައޫފް އިބްރާހީމް ވިދާޅުވީ މައްސަލަ ދިރާސާ ކުރާ އިރު ހެކީން ހާޒިރު ކުރަން ޖެހޭ ކަމަށް ފެނިއްޖެ ނަމަ ހެކީން ހާޒިރު ކުރާނެ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުގެ ޖަވާބުގައި އެމްޑީޕީގެ ވަކީލު ވިދާޅުވީ ދައުވާގައި ބުނެފައިވާ ފަދަ ކަމެއް ކުރިކަމުގެ ޝަކުވާ ލިޔުމުން ހުށަހަޅާފައި ނުވާނެ ކަމަށާއި ނަމަވެސް އަނގަބުން އެފަދަ ޝަކުވާތައް އެ ޕާޓީގެ ކެންޑިޑޭޓް ހާރޫން ރަޝީދު ހުށަހަޅުއްވައިފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުއް ރައޫފް އިބްރާހީމް ވިދާޅުވީ މައްސަލަ ދިރާސާ ކުރާއިރު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ