ރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެނެއް ސުޕްރީމް ކޯޓަކަށް ނުތިއްބެވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޙާއްސަކޮށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒަށް ފާޑު ވިދާޅުވެއްޖެ އެވެ.
މާފަންނު ހުޅަނގު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެން ސުޕްރީމް ކޯޓަށް ނުތިއްބެވޭނެ ކަމަށާއި، ސިއްރު ވޯޓު ނެގުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލަ އެ ކޯޓުން އަވަހަށް ނިންމަވަން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ރޭ އުއްތަމަ ފަނިޑިޔާރު އަހުމަދު ފާއިޒަށް ފާޑު ވިދާޅުވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގުމުގައި ޢަމަލު ކުރައްވަން އެމަޖިލީހުން ނިންމަވާފައިވާ ގޮތާއިމެދު ގޮތެއް ކަނޑަނާޅުއްވާ، ސުޕްރީމް ކޯޓުގައި ހިފައްހަޓާފައިވާތީ ވެސް އެމަނިކުފާނު ވަނީ ފާޑު ވިދާޅުވެފައެވެ.
” ވޯޓުލުމުގެ މައްސަލަ ހިފަހައްޓައިގެން އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓު އެ ތިއްބަވަނީ ކޮން ބޭނުމެއްގައިތޯ؟ ކޮން ސިޔާސީ ފިކުރެއްގައިތޯ؟ އެއީ އިންސާފެއް ނޫން. އެބޭފުޅުންނަށް ޖެހޭނީ އެމައްސަލަ އަވަހަށް ނިންމަވަން. ރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެނެއް ސުޕްރީމް ކޯޓަކަށް ނުތިއްބެވޭނެ. ” ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ރާއްޖޭގައި އިންސާފް ގެއްލިގެންދާކަން އުއްތަމަ ފަނޑިޔާރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޝަރުޢީ ދާއިރާގެ އަދުލުވެރިކަމާއި އިންސާފް ގެއްލިގެން ދާއިރު ވެސް އުއްތަމަ ފަނޑިޔާރު ފާއިތުވި ހަފްތާ ތެރޭގައި ވެސް އިންނެވީ، ޝަރީޢަތް ނިންމަވާނޭ ގޮތަކާއި މެދު މަޝްވަރާ ކުރެއްވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ހިތާމައަކާ އެކު ދަންނަވާނީ ރާއްޖޭގެ ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރު ކީއްތޯއޭ ތިޔަ ކުރައްވަނީ. މި ރާއްޖޭގެ އިންސާފު ގެއްލިގެންދާކަން އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިގަންނަވާނެ ވަރަށް ރަނގަޅަށް. މިދިޔަ ހަފުތާގެ ތެރޭގައި ވެސް އެ ބޭފުޅާ އިންނެވީ ރައީސުލް ޖުމްހޫރިއްޔާއެކު ޝަރީއަތް ނިންމާނެ ގޮތަކާ ދޭތެރޭ މަޝްވަރާކުރަން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، އުއްތަމަ ފަނޑިޔާރު، ނުކުމެވަޑައިގެން އެމަނިކުފާނަށް ކޮންމެ ގޮތެއްހެއްދެވިޔަސް ޖެހިލުމެއް ނުވާނެކަމަށާއި އެމްޑީޕީން ނުކުތް މަސައްކަތް ކާމިޔާބުކޮށްފައި ނޫނީ ހުއްޓާނުލާނޭކަމަށެވެ.
އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު ހުންނަވަނިކޮށް ކަންތައް ކުރެއްވިގޮތަށް ޢަމަލު ކުރައްވަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސްޕުރީމް ކޯޓާއި ހުޅުމާލޭ ކޯޓު ނުވަތަ އެހެން ކޯޓެއް ނަމަވެސް ކެރޭނަމަ އެމަނިކުފާނަށް ހުކުމް އިއްވެވުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ. އިންސާފު ލިބޭނެ ކަމަކަށް ރާއްޖޭގެ ކޯޓެއްގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމާއި ކޯޓުތަކާއި ފަނޑިޔާރުންގެ "ހުރިހާ ކަމެއް މާބޮޑަށް ފާޅުވެއްޖެ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
” ސިޔާސީ ކަންކަމުގައި ވާދަކޮށްގެން، ވޯޓް ހޯއްދަވައިގެން ވަޑައިގެންނެވުމަކީ އެއްގޮތަކަށް ވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން. އެހެން ކަމުން އަޅުގަނޑުމެންނަށް މި ސިޔާސީ ވާދަވެރިން ނައްތާލަން އެބޭފުޅުން މަސައްކަތް ކުރައްވާތަން. އެބޭފުޅުން މަސައްކަތް ކުރައްވަނީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުއްޓައި، ކެޔަސް ނުކެޔަސް، ދިނަސް ނުދިނަސް ކަނޑާ ކަނޑާ ބަންގަޅީސް އުސޫލުން އަޅުގަނޑު މައްޗަށް ހުކުމް އިއްވިގޮތަށް މިހާރު ވެސް ޢަމަލު ކުރަން ” ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ހައިޖެކްކޮށްގެނެއް ސުޕްރީމް ކޯޓަކަށް ނުތިއްބެވޭނެ - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ