މައުމޫން ޑިމޮކްރަސީ ނުގެންނެވި ނަމަ ޕޯޑިއަމްއަކު ނުހުންނާނެ - އިލްހާމް

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިގައުމަށް ޑިމޮކްރަސީ ނުގެންނެވި ނަމަ ޕޯޑިއަމްއަކުން ފެނިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްގެ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި އިލްހާމް ވިދާޅުވީ ރައީސް މައުމޫންއަކީ ތަރައްގީގެ ބާނީ ކަމަށާއި ރާއްޖޭގައި މިހާރު މިއޮތް ޑިމޮކްރަސީއަކީ ވެސް އެމަނިކުފާނު ގެންނެވި އެއްޗެއް ކަމަށެވެ.
"މިޕާޓީގައި ހުންނެވީ މިގައުމުގެ ތަރައްގީގެ ބާނީ، ބަޔަކު ގަބޫލުކުރިއަސް ނުކުރިއަސް ރިއަލިޓީ ވާނީ ރިއަލިޓީއަށް، ރައީސް މައުމޫންއަކީ މިތަރައްގީގެ ބާނީ، މިގައުމަށް ޑިމޮކްރަސީވެސް ގެންނެވީ ރައީސް މައުމޫން، އެހެން ނޫންނަމަ އިލްހާމް އަހުމަދެއް ނުހުންނާނެ މިއަދު މި ޕޯޑިއަމްއަކު، ނޫން ނަމަ ހުންނާނީ ކޮންމެވެސް އަބްދުއްރަހީމްބެއެއް." އިލްހާމް ވިދާޅުވި އެވެ.
އިލްހާމްވަނީ މީގެކުރިން އެހެން ޖަލްސާތަކުގައި ވިދާޅުވެފައިވާ ވާހަކަތައް މިރޭ ވެސް ތަކުރާރުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޕީޕީއެމް ދޫނުކޮށްލާނެ ކަމަށާއި މިޕާޓީއަކީ ރައީސް މައުމޫން އެމަނިކުފާނުގެ ވިސްނުންފުޅާއިއެކު ޑިޒިޝަންތައް ނަންގަވައިގެން އެންމެ ފަހުގެ ނިންމުންތައް ނިންމަވައިގެން އުފެއްދި ޕާޓީ ކަމަށާއި މިއީ "ސަމާސާ ސަމާސާ" ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީގެ ކޮންމެ މެންބަރުވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިޔަސް މިޕާޓީ ހިމާޔަތްކުރަންޖެހޭނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަޒުމް ކަނޑައަޅަންޖެހޭނެ އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ގޮތަށް މަސައްކަތްކުރަން، އަޅުގަނޑުމެންނަށް އެފޯޑެއް ނުކުރެވޭނެ އެމްޑީޕީއަށް ވެރިކަން ލިބޭނެ އެއްވެސް ފޯމިއުލާއެއް، އަޅުގަނޑުމެންމިތިބީ ތައްޔާރަށް، ﷲ އިރާދަފުޅުން ރެއާއި ދުވާލު މަސައްކަތްކުރާނަން، މިޕާޓީއަށް ވެރިކަން ހޯދާދިނުމަށްޓަކައި." އިލްހާމް ވިދާޅުވި އެވެ.
އިލްހާމް އިތުރަށް ވިދާޅުވީ ޕީޕީއެމްއަކީ ވެރިކަންކުރުމަށް އެންމެ ގާބިލް ޕާޓީ ކަމަށާއި ޕާޓީގައި ގާބިލް ޒުވާނުންނާއި އިލްމީ ބޭފުޅުންނާއި ސަރުކާރަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ބޭފުޅުންނާއި ވެރިކަމުގައި އެތައް ޒަމާނެއް ވަންދެން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން އެބަތިއްބެވި ކަމަށެވެ.
ވާދަވެރި ނައިބު ރައީސް ކަމުގެ ގޮނޑިއަށް ވަޑައިގެންނެވުމުން އިލްހާމް ވިދާޅުވީ އޭނާއަށް އެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ޕާޓީގެ އާންމު މެންބަރުންކޮށްދެއްވި ބުރަ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. ހާއްސަކޮށް އިލްހާމް ވަނީ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރަށް ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ