ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް އިއުލާންކުރައްވައިފި

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި އިންތިހާބު ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކާއި އެކީގައި ނިކުމެގެން ކާމިޔާބުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު މިހުރީ ވާދަކުރަން ނިންމައިގެން، ވީހާވެސް ގިނަ ބަޔަކާއި އެކީގައި ނިކުމެގެން ކާމިޔާބުކުރުމަށް، ﷲ އިރާދަކުރެއްވިއްޔާ އެމަގު އެހާ ހިސާބަށްދާން ވާއިރަށް ދައްކަވާނެކަން، އަޅޫގަނޑަށް މިހާރު މިކުރެވޭމަސައްކަތާއި މެދު ހިތްހަމަ ފަރާތްތަކުން އަޅުގަނދަށް ތާއީދުކުރައްވާނެ ކަމަށް." ދިޓީވީއިން ކޮންމެ ހުކުރު ދުވަހެއްގައި ގެނެސްދޭ މަސްއޫދާއެކު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
މަސްއޫދުކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތައް މިހާރު އެހާ ގިނަ ޕާޓީތައް ހުރުމާއި ރައްޔިތުންގެ ހިޔާލުތައް ވެސް ހުރި ގޮތުން އެންމެ ޕާޓީއަކަށް އެއްފަހަރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިދާނެ ކަމަކަށް ހީފުޅުނުވާ ކަމަށާއި އެހެންވެ މިހާރު ބޮޑަށް ވިސްނަމުން މިގެންދަނީ ވީހާވެސް ގިނަ ޕާޓީތަކާއި އެކީގައި ނިކުންނަވަން ކަމަށެވެ.
އަދި 2008 ވަނަ އަހަރުގެ ތަޖުރިބާއަށް ބަލާފައި މިހާރު ގުޅިގެން ބަޔަކު ނިކުމެއްޖެނަމަ އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެ ކަމަށް ވެސް ރައީސް ޑރ.ވަހީދު ވިދާޅުވި އެވެ.
ގައުމީ އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައިތޯ ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައިތޯ ނިކުންނަވާނީ ސުވާލުކުރެއްވުމުން ރައީސް ޑރ.ވަހީދު ވިދާޅުވީ "ފަހަރެއްގައި ހަމަ ނިކުމެދާނެ ދެއްތޯ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވެސް، ވަކި ޕާޓީއަކާއި ނުލާ ވެސް، އަޅުގަނޑު ވަކި ގޮތަކަސް ނުނިންމަން" ކަމަށެވެ.
"އަޅުގަނޑު ނިކުންނަންޏާ ނިކުންނާނީ ގިނަ ބައެއްގެ ތާއީދާ އެއްބާރުލުމާއި އެކީގައި އެހެންވީމާ އެ އުންމީދު އަޅުގަނޑުގެ ވަރަށް ބޮޑަށް އެބައޮތް، އެހެންވީމަ އެކަން އަދި މުޅިން ހަމަޖެހިގެން ދާނެ ކަމަށް އަޅުގަނޑަކަށް ޔަގީނެއް ނޫން. ކޮންމެވެސް ވަރަކަށް ޕާޓީތަކާއި މަޝްވަރާ ފެށިފައި މިހާރު މިއޮތީ، ބައެއް ފަރާތްތަކުން އެންކަރޭޖިންގް ހިތްވަރު ލިބޭ ކަހަލަ ގޮތަކަށް ބައެއް އިޝާރާތްތައް ވެސް އެބަލިބޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް އިތުރު 5 އަހަރުގެ ތަރައްގީއެއް ގެނައުމަށްޓަކައި މަސައްކަތްތަކެއްކޮށްދެވިދާނެ." ރައީސް ވިދާޅުވި އެވެ.
ވޭތުވެދިޔަ 1 އަހަރުގެ ތަޖުރިބާ އާއި އަދި އޭގެ އިތުރުން ލިބިފައިވާ ތައުލީމަކާއި ތަޖުރިބާއެއް އެއްކޮށްލުމާއިއެކީގައި ރާޢްޖެއަށްޓަކައި އަދިވެސް އިތުރު ދައުރެއްގައި މަސައްކަތްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ޑރ.ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވޭތުވެދިޔަ 1 އަހަރު ދުވަހު އަޅުގަނޑާއި މި ހަވާލުކުރެވުނު ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަޅުގަނޑު އަދާކުރިން، އަޅުގަނޑު ގަބޫލުކުރާ ގޮތުން ރައްޔިތުން އަޅުގަނޑުގެ ވެރިކަން ގަބޫލުކުރޭ." ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ