ވޯޓް ސިއްރުކުރުމާއި ފަހްމީ ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުން ތާވަލްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގައި މައްސަލަތަކުގައި ނަގާ ވޯޓު ސިއްރުކުރުމަށް މަޖިލީހުން ނިންމި މައްސަލައާއި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމުން އެކޮމިޝަނުގެ ކުރީގެ ރައީސް މުޙައްމަދު ފަހްމީ ޙަސަން ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސްޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.
އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން ނިންމި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަޙްމަދު ސިއްދީޤުއާއި، ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ އިބްރާހިމް ޙުސައިންއެވެ.ފަހްމީ މަޤާމުން ވަކިކުރި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ އޭނާ އަމިއްލަފުޅަށެވެ.
މިދެމައްސަލައިގައިވެސް ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު މުޙައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ނަގާ ވޯޓު ސިއްރުކުރި މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. ފަހުމީ މަގާމުން ވަކިކުރި މައްސަލަ ތާވަލްކޮށްފައިވަނީ ބުދަ ދުވަހަށެވެ.
އިތުބާރު ނެތް ކަމުގައި މައްސަލަތަކުގައި ނަގާ ވޯޓު ސިއްރުކުރުމަށް މަޖިލީހުން ނިންމުމާއި ގުޅިގެން އެމައްސަލައިގައި ސްޕްރީމް ކޯޓުން ވަކިގޮތެން އަންގަންދެން މަޖިލީހުގައި އެފަދަ ވޯޓެއް ނުނެގުމަށް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފަހްމީ ޙަސަން ވަކިކުރި މައްސަލަ ފަހްމީ ކޯޓަށް ހުށަހެޅުމާއި ގުޅިގެން އެމައްސަލަވެސް ވަކިގޮތަކަށް ނިމެންދެން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު ހަމަޖެއްސުން މަޑު ޖައްސާލުމަށްވެސް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ