ތިން ދުވަސް ފަހުން ކަމަދޫއަށް ކަރަންޓް ލިބިއްޖެ

ހާހަކާ ގާތް ކުރާ އަދަދަކަށް މީހުން ދިރިއުޅޭ ބ. ކަމަދޫގައި ކަރަންޓުގެ ހިދުމަތް ނުލިބޭތާ ތިން ދުވަސް ފަހުން މިއަދު ކަރަންޓު ލިބިއްޖެ އެވެ.
ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އިސްމާއިލް މިއަދު "ސަން"އަށް ވިދާޅުވީ، ތިން ދުވަސް ފަހުން އެރަށަށް ކަރަންޓު ލިބިފައި ވަނީ މިއަދު އިރު އޮއްސެން އުޅެނިކޮށް ކަމަށެވެ. އަދި އެރަށުގައި ކަރަންޓު ދޭން ބޭނުންކުރާ އިންޖީނަށް ދިމާވި މައްސަލަތައް މިހާރު ހައްލު ކުރެވިފައި ވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަމަދޫ އިންޖީނުގޭގައި ބޭނުންކުރާ އިންޖީނުތައް ހުއްޓުމުން ވޭތުވެދިޔަ ތިން ދުވަހު އެރަށުގެ ރައްޔިތުން އުޅުނީ ވަރަށް ހާލުގައި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެގޮތުން އެރަށުގެ ގިނަ މީހުން ކަރަންޓު ނުލިބުމުގެ ސަބަބުން ނިދުމާއި ފާހާނާ ކޮށް ހަދާފައި ވަނީ އަތިރިމަތީގައި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ރާއްޖޭގެ ބައެއް ރަށްތަކުގައި ދޭތެރެދޭރެއިން ކަރަންޓު ކެނޑޭ މައްސަލައަކީ އާންމު ކަމެކެވެ. އަދި މިކަން ހައްލު ކުރުމަށް ފެނަކައިން ދަނީ މަޝްރޫއެއް ފަށައި، ރަށްތަކަށް އާ ޖަނަރޭޓަރުތައް ފޮނުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ