'ޔާމީނަށް ތާއީދު ކުރާ 96،000 ރައްޔިތުން އެބަ ތިބި، އެއީ މޮޔައިންނެއް ނޫން'

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ އެންމެންނަކީ މޮޔައިންކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވިކަމަށް ބައެއް މީޑިއާތަކުގައި ފަތުރާ ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.
ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީނަށް ތާއީދު ކުރާ މީހުންނަކީ މޮޔައިން ކަމަށް އަލީ ނިޒާރު ވިދާޅުވިކަމަށް އިއްޔެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރިއެވެ.
މިކަމާއި ގުޅިގެން އެހަބަރު ޓުވީޓު ކުރައްވަމުން އަލީ ނިޒާރު ވިދާޅުވީ ދައްކަވާ ވާހަކައިގެ ތަންކޮޅެއް ނަގައިގެން ހަބަރު ހެދުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.
އަދި ވިދާޅުވީ އޭނާ ޔާމީނަށް ތާޢީދު ނުކުރެއްވިޔަސް ރައީސް ޔާމީނަށް ތާއީދު ކުރާ 96،000 ރައްޔިތުން އެބަ ތިބި ކަމަށާއި އެ އެންމެންނަކީ މޮޔައިންނަށް ނުހެދޭނެ ކަމަށެވެ.
ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި އަލީ ނިޒާރު ވާހަކަދެއްކެވީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ހިނގާފައިވާ ބައެއް ކަންކަމާއި ގުޅޭގޮތުންނެވެ. އެގޮތުން އެތައްބަޔަކު ޖަލަށްލައި، ކުރި އަނިޔާތަކާއި، އިންސާފުން ބޭރުން ކުރަމުންދިޔަ އެތައް ކަމެއްގެ ވާހަކަ އޭނާ ވަނީ އެ ޝޯވގައި ދައްކަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ