ކުޑަކުދިންނަށް ކުރާ އަނިޔާގެ 103 މައްސަލަ މިދިޔަ މަހު ޖެންޑާއަށް ހުށަހެޅިފައިވޭ
ކުޑަކުދިންނަށް ކުރާ އަނިޔާގެ 103 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރިއަށް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މާޗް މަހާ އަޅާބަލާއިރު، މަދު އަދަދެކެވެ. މާޗް މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައިގެ ގޮތުގައި ހުށަހަޅާފައި ވަނީ 126 މައްސަލައެވެ. ނަމަވެސް ފެބްރުއަރީ މަހު ހުށަހަޅާފައި ވަނީ މިފަދަ 106 މައްސަލައެކެވެ. އަދި ޖެނުއަރީ މަހު މިފަދަ 105 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މިިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 103 މައްސަލައިގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 30 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 29 މައްސަލަ، އިހުމާލުވުމުގެ 16 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ އަދި ނަފްސާނީ ހާނިއްކައިގެ 10 މައްސަލައަކާއި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަތަރު މައްސަލަ ހުށަހެޅިފައިވެއެވެ. އޭގެ އިތުރުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލަ އެޕްރީލްމަހު މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 17 މައްސަލައެވެ. މިބާވަތުގެ މައްސަލަތަކުގެ އިތުރުން ބިރުދެއްކުމުގެ ހަތް މައްސަލަ އާއި ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ ހަތަރު މައްސަލަ އާއި ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލައަކާއި ފާރަލުމުގެ މައްސަލައެއްގެ އިތުރުން ގަދަކަމުން ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހިމެނެއެވެ. ޢާއިލީ 21 މައްސަލަ އެޕްރީލްމަހު މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ ހިމެނެއެވެ. ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ހަތަރު މައްސަލަ އެޕްރީލްމަހު ރިޕޯޓުކޮށްފައިވެއެވެ. އެއީ ސާފު ބޯފެނާއި ކަރަންޓްގެ ޚިދުމަތް ކަނޑާލުމުގެ ހަތަރު މައްސަލައެވެ. މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި ހަތަރު މައްސަލަ އެޕްރީލް މަހު ވަނީ ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ