ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައެއް ޕީޕީއެމް މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ ދުވަސް ކުޑަތަން ވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ބައެއް ޕާޓީތަކުން ޝައްކުތަކެއް އުފައްދަމުން ދާތީ އިންތިހާބުގެ އިންސާފުވެރިކަމާއި މިނިވަންކަން ޔަގީންކުރުމަށް ޕީޕީއެމްގެ އިސް މެމްބަރަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ އިސްތިއުނާފު ކޮމެޓީގެ މެމްބަރު ގާނޫނީ ވަކީލު އަހްމަދު ޒަނީން އާދަމް އެވެ.
އޭނާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ފަރުދީ ހައިސިއްޔަތުންނެވެ.
ޕީޕީއެމްގެ އިސްތިއުނާފު މަޖިލީހުގެ މެމްބަރު އަހުމަދު ޒަނީން އާދަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އޭނާ މައްސަލަ ހުށަހެޅުއްވީ މީގެ ދެތިން ދުވަސް ކުރިން ކަމަށެވެ. އަދި މިހާރު މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އައިޓީ ނިޒާމަކީ އިތުބާރު ކުރެވޭ ނިޒާމެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް މިނިވަން އައިޓީ އޮޑިޓަރެއް މެދުވެރިކޮށް އިލެކްޝަންސްގެ އައިޓީ ނިޒާމް އޮޑިޓް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް އެކި ޕާޓީތަކުން ވަރަށް ގިނަ ފޯންތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ފޯންތައް ރަޖިސްޓްރީ ކުރެވުނުތޯ ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ކޯޓުން ތާވަލެއް ނުކުރެ އެވެ. އަދި އެ މައްސަލައާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ވެސް އަދި އެއްޗެކޭ ނުބުނެ އެވެ.
އިލެކްޝަންސުން ދާދި ފަހުން ބުނެފައި ވަނީ އެތަނުގެ އައިޓީ ސިސްޓަމާ ބެހޭ ޕްރެޒެންޓޭޝަނެއް ހުރިހާ ކެންޑިޑޭޓުންނަށް ދޭން މަސައްކަތްކުރާ ކަމަށެވެ.
އިންތިހާބުގެ މިނިވަންކަން ޔަގީންކުރުމަށް އިލެކްޝަންސް ކޮމިޝަން ގޮވައިގެން ކޯޓަށް ދާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އާއި އޭނާގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދާދި ފަހުން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ