ޖުމްހޫރީ ޕާޓީން ވެސް އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރަން ނިންމި ނިންމެވުމުގައި އެއްވެސް ކަހަލަ ޑިމާންޑުތަކެއްކޮށްފައިނުވާ ކަމަށް ކުރީގެ ރައީސް ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ޕީޕީއެމާއި ރަސްމީކޮށް ކޯލިޝަން ހެދިކަން އިއުލާންކުރުމަށް ރޭ މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކު އެއްބަސްވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ކައުންސިލް އިންތިހާބާއި އަދި މަޖިލީހުގެ އިންތިހާބުގައި ދެ ފަރާތުން އެއްބާރުލުން ދިނުމަށް ކަމަށެވެ.
"އެއީ ޖުމްލަ ގޮތެއްގައި އެއްބަސްވި ކަންތައްތައް، ދެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންތިހާބު ކާމިޔާބުކޮށްގެން ސަރުކާރެއް އުފެއްދީމާ ސަރުކާރުން ހިންގާ ބޮޑެތި ކަންތައްތަކުގައި ދެފަރާތުން މަޝްވަރާކުރެވިގެން އެއްބަސްވެވޭ ގޮތަކަށް ގެންދިއުމަށް، އެއީ ޖުމްލަ ގޮތެއްގައި އެއްބަސްވެވުނު ގޮތަކީ." މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން އެއްވެސް ކަހަލަ ގޮތަކަށް ޖުމްހޫރީ ޕާޓީން ނުވަތަ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަކި ޑިމާންޑުތަކެއް ކުރައްވާފައެއް ނެތޭ، ވަކި ކަންތައްތަކަކަށް އެދިވަޑައިގެންފައެއް ނެތޭ، ވަރަށް ހިތްޕުޅު ހެޔޮކަމާއިއެކީގައި އަޅުގަނޑުމެންނާއިއެކީގައި ކުރިއަށް ވަޑައިގަތުމަށް ހުންނެވި ކަމަށް ވިދާޅުވި." ރައީސް މައުމޫން އިތުރަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރެއް އުފެއްދީމާ ކަންތައްތައް ކުރާނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އާއި ވެސް ގުޅިގެން، މަޝްވަރާކޮށްގެން ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވި ނަމަވެސް އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް ސަރުކާރެއްގައި ޖުމްހޫރީ ޕާޓީއަށް ސަރުކާރުގެ 33 ޕަސަންޓު ހިއްސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ތެރޭގައި ފުރަތަމަ ބުރުގައި އެޕާޓީއަށް ތާއީދުކުރި ފަރާތްތައް ހިމެނެ އެވެ. ސަރުކާރުގެ އަނެއް 67 ޕަސަންޓު ދިނުމަށް ހަމަޖެހިފައިވަނީ ޕީޕީޢެމް އެމްޑީއޭ ކޯލިޝަނަށެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް ސަރުކާރެއްގައި މިނިސްޓްރީތަކުގެ ތެރެއިން ހައުސިންގ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ޖުމްހޫރީ ޕާޓީއަށް ދިނުމަށް އެއްބަސްވެފައިވެ އެވެ.
ޖުމްހޫރީ ޕާޓީން ޕީޕީއެމާއި ގުޅުމަށް ނިންމި ނިންމުމަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޔާމީނަށް ތާއީދުކުރައްވަން ނިންމެވުމުން ގާސިމަށާއި ޖޭޕީގެ ކައުންސިލަށް ޝުކުރު ދަންނަވާ ކަމަށާއި ގާސިމް އަބަދުވެސް ބައްލަވަމުން އައީ ގައުމީ މަސްލަހަތު ކަމަށެވެ. އަދި އިއްޔެގެ ނިންމެވުމަކީ ވެސް ގާސިމް ގައުމީ ހިދުމަތަށް އޮތް ޝައުގުވެރިކަން ދައްކުވައިދިން ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ޖުޑީޝަރީއަށް ވަރަށް ބޮޑަށް ވިސްނާނެ ކަމަށާއި ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރަން ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޖުޑީޝަރީން ހާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިހާތަނަށް ވަރަށް ސާބިތުކަމާއިއެކު މަސައްކަތްތަކެއް ހިތްވަރާއިއެކުކޮށްދެއްވާފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދަށް ވެސް ޝުކުރު ދަންނަވާފައެވެ. ސަބަބެއް ގޮތުގައި މައުމޫން ވިދާޅުވީ ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ހަމަވި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ރައީސަކު އިންތިހާބު ކުރެވެންދެން ރައީސް ކަމުގައި ވަހީދު ދެމިހުންނެވުމުންނެވެ.
"ނޮވެމްބަރު 11 ގައި އެމަނިކުފާނަށް އިސްތިއުފާ ދެއްވުމަކީ އެމަނިކުފާނަށް އޮތް އިހުތިޔާރެއް. އެގޮތަށް ނިންމެވި ނަމަ އެމަނިކުފާނުގެ އިސްތަށިފުޅަށް ވެސް ފަސޭހަވީސް. އެހެން ނަމަވެސް ގައުމަށް ޓަކައި އެމަނިކުފާނު މަޑުކުރެއްވި ކަމަށް ޓަކައި ޝުކުރު ދަންނަވަން." ރައީސް މައުމޫން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން އަދި ގާސިމް ޑިމާންޑުތަކެއް ކޮށްފައެއް ނެތް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ