ހާމިދު ހަމަހަށް ޖަލަށްލުމަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ހަމަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު ހދ.ހޮނޑައިދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ބަނގުރާ ބުއިމުގެ ތުހުމަތުގައި ހައްޔަރުކުރި ހާމިދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ކުޑަކަމުދާ ތަކެތި ނުދިން މައްސަލައިގައި ހާމިދުގެ ޣައިރު ހާޒިރުގައި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށްލުމަށް ހުކުމްކުރީ ކޯޓަށް ހާޒިރުނުވުމާއި ގުޅިގެން އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ.
ހާމިދުގެ މައްޗަށް ދައުލަތުން އަންނަނީ ތިން ދައުވާއެއް ކުރަމުންނެވެ. އެއީ ކުޑަކަމުދާތަކެތި ނުދިނުމާއި ބަނގުރާ ގެންގުޅުމާއި ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން ހާމިދު ހަމަހަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކޮށްފައިވަނީ ހާމިދުގެ ފަރާތުން އެ ހުކުމް އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ އިމްތިޔާޒް ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން އުވާލާފައިވާއިރު މަޖިލީހުގެ ޖަލްސާތަކަށް ނުވަތަ ކޮމެޓީތަކަށް ހާޒިރުވާން ދަތިވާ ގޮތަށް އެއްވެސް މެމްބަރަކު ކޯޓަކަށް ހާޒިރު ނުކުރެވޭނެ ކަމަށް އިމްތިޔާޒް ގާނޫނުގައި ހާމިދާއި ދެކޮޅަށް ޖަލު ހުކުމް ކުރުމުގެ ކުރިން އޮތް ކަމަށެވެ.
އެހެންކަމުން ޖަލްސާއަކަށް ހާޒިރުވާން ދަތިވާ ގޮތަށް ކޯޓަށް ހާޒިރުވުމަށް ހާމިދަށް އެންގުމުން ހާޒިރުނުވުމަކީ މަގުބޫލު އުޒުރެއް ނެތި ހާމިދު ހާޒިރުނުވީ ކަމަށް ނުބެލެވޭ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ކުޑަކަމުދާ އެއްޗިހި ނުދިނުމުގެ ކުށުގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ފޮނުވި އަމުރާއެއް ގޮތަށް ހާމިދު ކޯޓަށް ހާޒިރުވެވިފައި ނުވަނީ ހަނދުމަފުޅު ނެތިގެން ކަމަށާއި އެކަމަށް މައާފަށްއެދިވަޑައިގެން ހާމިދު ކޯޓަށް ސިޓީއެއް ފޮނުވި ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އަދި ކްރިމިނަލް ކޯޓުގެ ލިޔުންތަކަށް ބަލާ އިރު ހާމިދު މައާފަށް އެދިވަޑައިގަތްގަތުން ކޯޓުން ގަބޫލުކޮށްފައިވާކަން އެނގޭ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހަށް ހާމިދު ހާޒިރު ކޮށްފައިވަނީ ޑީޕީއާރުއެސްގެ ބެލުމުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ