ގާސިމް ވެވަޑައިގެންނެވި ބުރިޖް އެޅުމުގެ ވައުދަށް ޔާމީން ފާޑު ވިދާޅުވެއްޖެ

ކޮލަމްބޯއިން އާދަމް ނަވާޒް
ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މާލެއާއި ހުޅުލެ އާއި ވިލިމާލެ އާއި ގުޅިފަޅާއި ތިލަފުށި ބުރިޖަކުން ގުޅާލާނެ ކަމަށްވެ ވަޑައިގެންނެވި ވައުދަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވައިފި އެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ޕީޕީއެމްގެ ޖަގަހައެއް ރޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ ސިޔާސީ ޕޯޑިއަމް ތަކުގައި ސިޔާސީ މީހުން އައިސް ވަރަށް ގިނަ ވާހަކަދައްކާއިރު އެބޭފުޅުން އެދައްކަނީ ކިހާ ވަރެއްގެ ވާހަތަކެއްތޯ ބަލަންޖެހޭ ކަމަށާއި އެގޮތުން އެބޭފުޅުންދައްކާ ވާހަކައަކީ ކުރެވިދާނެ ކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.
މާލެ ވަށައިގެން ހުރިހާ ރަށެއްގައި ބުރިޖް އަޅާނަމޭ ވިދާޅުވިމާ އެކަމާއި ސުވާލު އުފައްދަން ޖެހޭ ކަމަށާއި އެކަމާއި ސުވާލު އުފައްދަން ޖެހެނީ މިހާރު ދިވެހި ދައުލަތުގެ ދަރަނި އޮތީ 32 މިލިއަން ހާސް ރުފިޔާ ގައި ހުރުމުން ވަރަށް ކުރު މުއްދަތެއްގައި ވަރަށް ގިނަ ފައިސާ ލިބިގެން ނޫނީ ބުރިޖް އެޅުމުގެ ހަކަތަ ދައުލަތުގެ ބަޖެޓުގައި ނުހުންނާނެތީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ތެޔޮ ހޯއްދަވާނެ ކަމަށް ޔާމީން ވެވަޑައިގެންފައިވާ ވައުދަށް އަލިއަޅުއްވާ ލައްވާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ބުރިޖް އެޅުމާއި ތެޔޮ ހޯދުމުގެ ދެމަޝްރޫއަކީ ވެސް އޭގެ ޒާތުގައި ވަރަށް ބޮޑު ދެމަޝްރޫއުކަމަށާއި އެހެންނަމަވެސް ދެމިސާލުގައި ވަރަށް ބޭސިކް ތަފާތެއް އެބަހުރި ކަމަށެވެ.
“ބުރިޖް އަޅަން ދައުލަތުން އެތައް ބައިވަރު ޚަރަދެއް ހިނގާނެ. އެއާއި އެކީ ބޭރު ފަރާތްތަކުގެ އިންވެސްޓްމަންޓް ބޭނުންވާނެ. އަދި ބުރިޖް މަތިން ދަތުރުކުރާ ކޮންމެ ފަސިންޖަރަކާއި އުޅަނދެއްގެ ޓޯގެ ގޮތުގައި އެތައް ބައިވަރު ފައިސާއެއް ދައްކާނެ.” ޔާމީން ވިދާޅުވި އެވެ.
އިގްތިސޯދީ މާހިރެއް ކަމަށް ގިނަ ބަޔަކު ސިފަކުރައްވާ ޔާމީން ވިދާޅުވީ ބުރިޖެއް އެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށާއު ނަމަވެސް ރާއްޖެ މިއަދު މިއޮތް ހާލަތުގަ ބުރިޖު އެޅުމުގެ މަޝްރޫއަކީ ކުރެވިދާނެކަމެއްތޯ މިއީ ވިސްނާލަންޖެހޭ ކަމެއް ކަމަށާއި ރާއްޖޭގެ ބަޖެޓުން އެއްވެސް އެއްޗެއް ލައިގެން ބުރިޖްއެޅުމަކީ މުސްތަހިލް ކަމެއް ކަމަށެވެ.
ތޮޔޮ ނުވަތަ ނެޗްރަލް ގޭސް ހޯދުމަށް ކުރާ މަސައްކަތަކީ ބުރިޖް އެޅުންފަދަ ނުވަތަ އެއަށް ވުރެވެސް ބޮޑު މަޝްރޫއެއް ކަމަށާއި ނަމަވެސް އެކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރައްދެއް ކުރަން ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ދިވެހި ދައުލަތުން މިކަމަށް ހަރަދެއް ކުރަން ނުޖެހޭ ކަމަށްވަންޏާ އަދި ބޭރުގެ އިންވެސްޓަރުން މިކަމަށް ޝައުގުވެރި ވަންޏާ މިއީ ކުރެވިދާނެ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
ފޮސިލް ފިއުލް ހޯދާނެ ވާހަކަ މިދައްކަނީ ކުރެވިފައިވާ ތަޙްޤީޤުތަކުގެ އަލީގައި ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ރައީސް ނާސިރުގެ ވެރިކަމުގައި ވެސް އަދި ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ކުރެވުނު މަސައްކަތްތަކުން ރާއްޖޭއިން ތެޔޮ ފެނިދާނެ ކަމުގެ ފުރުސަތު އޮތް ކަން އެނގިފައިވާ ކަމަށާއި އެހެން ނޫންނަމަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އެކަންކަން ބަލަން އެތައް މިލިއަން ޑޮލަރަކާއި އެމީހުންގެ ވަސީލަތްތައް ބޭކާރު ގޮތުގައި ޚަރަދު ނުކުރީސް ކަމަށެވެ.
ޖޯގުރަފީ ގޮތުން ބަލާއިރު ރާއްޖެ އާއި ކައިރި ގައުމުތައް ކަމަށްވާ އިންޑިއާއިން ނާއި ލަންކާ އަދި ސީޝޭލް ސަރަހައްދުން ވެސް ނެޗުރަލް ގޭސް ފެނިއްޖެ ކަމަށާއި އަދި ގަބޫލު ކުރަން ދަތި ވިއަސް ސީޝެލްސް ގައި އޮތް ނެޗްރަލް ގޭސް ރިޒާވަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު ނެޗްރަލް ގޭސް ރިޒާވް ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ވެރިކަމަށް ކުރިމަތިލާ ސިޔާސީ ވާހަކަދައްކާއިރު އެބޭފުޅުންނަކީ އިލްމީ ނުވަތަ ތަޖުރިބާ ހުރި ބޭފުޅުންތޯ ބަލަން ޖެހޭ ކަމަށާއި ވެރިކަމަށް ކުރިމަތި ލައްވާފައިވާ ހަތަރު ބޭފުޅުންވެސް އެކި ފެންވަރުގެ ރައްޔިތުންނާއި ބައްދަލުވެ ތަފާތު ވާހަކަތައް ދައްކާފައިވާނެ ކަމަށާއި އެހެން ކަމުން ސިޔާސީ ބޭފުޅުން މިނެކިރާލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.
“ސިލޯނުގައި ތިބި ކިޔަވާކުދިންނަށާއި ކިޔަވާކުދިންގެ މައިންބަފައިންނަށް އަދި ސިލޯނުގައި ދިރިއުޅޭ އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވާލާނީ މިފަހަރު ވޯޓް ދެއްވާނެ ސިޔާސީ ޕާޓީ އަކާއި ރިޔާސީ ކެނޑިޑޭޓެއް އިހްތިޔާރު ކުރައްވާއިރު އަޅުގަނޑުމެންގެ ކުރިމަގާއި މެދު ވިސްނާވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުންގެ ތަޖުރިބާ ތިބޭފުޅުން ހާސިލް ކުރައްވައިފި. މާދުރަކަށް ވަޑައިގަންނަވާކަށް ނުޖެހޭ. މާފުނަކަށް ފައްތަވާކަށް ނުޖެހޭ. މާފުނަކަށް ފީނާކަށް ވެސް ނުޖެހޭ.” ކަމަށް ޔާމީން ވިދާޅުވިއެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު އާއި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވެވަޑައިގެންނެވިއިރު ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާޢި ކިޔަވަމުންދާ ކުދިން ވެސް ބައިވެރިވެފައިވެ އެވެ. އަދި ބައެއް ޒުވާން ކުދިން ވަނީ ޕީޕީއެމް އަށް ސޮއިކޮށްފައިވާ ފޯމް ޔާމީނާއި ހަވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ