ބްރިޖުން ދަތުރުކުރާ މީހުންގެ އަތުން ފައިސާ ނަގާ ނިޒާމުގެ ޑިޒައިނިން މަސައްކަތް ހަތަރު މަސް ތެރޭ ނިމޭނެ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ނަގަންޖެހޭ ފީ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޤާޢިމުކުރާ އިލެކްޓްރޯނިކް ޓޯލް ނިޒާމްގެ ޑިޒައިންގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ..
ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ބްރިޖްގައި ބަހައްޓާ ޓޯލް ނިޒާމުގެ ޑިޒައިންގެ މަސައްކަތް ކުރިއަށް އޮތް ހަތަރުމަސް ތެރޭގައި ނިމޭއިރު، މި އަހަރު ތެރޭގައި ޓޯލް ނިޒާމަށް ބޭނުންވާ ސާމާނު ހޯއްދެވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
އަދި ބްރިޖްގެ މައި ޑެކް ހަދާ ނިމެންވާއިރަށް ޓޯލް ނިޒާމް ޤާއިމްކުރެއްވުމަށް ވާންޖެހޭ ތައްޔާރީތައްވެ ނިމޭނެކަމަށްވެސް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ
ޓޯލް ނިޒާމް ގާއިމްކުރުމަށްވެސް  ޗައިނާގެ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)އާއެވެ. އެ ކުންފުންޏަކީ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދާ ކުންފުންޏެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ އިލެކްޓްރޯނިކް ޓޯލް ނިޒާމް ގާއިމްކުރުމުން ބްރިޖު މަތިން ދުއްވާފައިދާއިރު އިލެކްޓްރޯނިކް ސިސްޓަމެއް މެދުވެރިކޮށް، އޮޓޮމެޓިކުން ޓޮލް ފީ ކެނޑޭނެ ގޮތް ހަދާނެ ކަމަށެވެ. މިގޮތަށް ހަމަޖެއްސުމުން ޓްރެފިކަށް ވެސް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އަޅަން ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. މި ބްރިޖްގެ މަސައްކަތް 30 މަސް ދުވަހުން ނިންމަންޖެހެއެވެ. ބްރިޖްގެ މަޝްރޫޢަކީ ރައީސް ޔާމީންގެ އެންމެ މުޙިއްމު ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ އެއް ވަޢުދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ