ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެދައުވާ އާއި ގުޅިގެން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ރަނގަޅު ހުކުމެއް ނޫން ކަމަށާއި، ނަޝީދަކީ "ކުށެއް ނުކުރާ މައުސޫމް މީހެއް" ކަމަށް ކަނޑައަޅަށް ޖެހޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައި ވަނީ މިއަދު ހެނދުނު މޫކައި ސުއީޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އަލްހާން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރީ ދައުލަތުގެ މުއައްސަސާއަކުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ނިންމާފައި ވަނިކޮށް، ރައީސް ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ކޮށްފައިވާ ދައުވާ އަކީ ސުޕްރީމް ކޯޓުގެ ނިންމުމާ ޚިލާފަށް ކޮށްފައިވާ ދައުވާއެއް ކަމަށެވެ.
އަދި އަންނަ އާދީއްތަ ދުވަހު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ސުޕްރީމު ކޯޓުން ނެރުނު އަމުރުގައި، އަބްދުﷲ މުހައްމަދު ގެންދެވުނީ ދައުލަތުގެ މުއައްސަސާ އަކުން ކަމުގައި ކަނޑައަޅާފައިވާކަން އެނގޭ ކަމަށާއި އަދި އަބްދުﷲ މުހައްމަދު ދޫކުރުމުގެ އަމުރުވެސް ކޮށްފައި ވަނީވެސް ދައުލަތުގެ މުއައްސަސާއެއް ކަމަށްވާ ޑިފެންސް ފޯސްގެ މައްޗަށްކަން އެނގެން އޮންނަ ކަމަށެވެ. އެހެން އެނގެން އޮއްވާ، ރައީސް ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ހިންގި ދައުވާ އަކީ ބާތިލް ދައުވާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލްހާން ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ދެކޮޅަށް ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމާ ގުޅިގެން، ތަހުޤީޤު ކުރުމަކާ ނުލާ ޓެރަރިޒަމްގެ ދައުވާ އުފުލައި އެ ހިންގި ދައުވާއަކީ ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހައި ކޯޓަށް އަދި ސިވިލް ކޯޓަށްވެސް މައްސަލަ ވައްދާފައެވެ. ނަމަވެސް މި ދެކޯޓުންވެސް ނިންމާފައި ވަނީ އެ މައްސަލަ އެކޯޓުތަކަށް ނުބެލޭނެ ކަމަށެވެ.
އަލްހާން އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ދެކޮޅަށް ދަށު ކޯޓަކުން ހުކުމެއް ކުރާއިރު، ސުޕްރީމް ކޯޓުން އެކަން ބަލަން އޮތުމަކީ ސުޕްރީމު ކޯޓުގެ މަސްއޫލިއްޔަތު އަދާކުރުން ކަމަށް ނުދެކޭ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ މަސްއޫލިއްޔަތު އަދާނުކޮށް އޮންނާތީ އަޅުގަނޑު މިހާރު މި ގަސްދު ކުރަނީ އަންނަ އާދީއްތަ ދުވަހު މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވައްދަން." އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ސުޕްރީމް ކޯޓުން މި މައްސަލަ ނުބަލައިފި ނަމަ، އޭގެ މާނައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ނުބެލޭ ޒާތުގެ މައްސަލަތަކެއް އެބަހުރި ކަމަށާއި، އެހެންކަމުން ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަނެ މިކަމާ މެދު ހުކުމެއް އިއްވަން ޖެހޭނެ ކަމަށެވެ.
"ރައީސް ނަޝީދަކީ ކުށްވެރިއެއް ނޫން. ރައީސް ނަޝީދު ކުށެއް ނުކުރައްވާ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖެހޭނެ ރައީސް ނަޝީދަކީ ކުށެއް ނުކުރާ މައުސޫމް މީހެއް ކަމުގެ އަމުރު ނެރެދޭން."، އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ރައީސް ނަޝީދު މިނިވަން ނުވާހާ ހިނދަކު ސަރުކާރާ އެކު ސުލްހަވުމަށް ދައްކަންޖެހޭނެ ވާހަކައެއް ނެތް ކަމަށެވެ.
ނަޝީދަކީ ކުށެއް ނެތް މައުސޫމެއް ކަމަށް ސުޕްރީމް ކޯޓުން އަމުރު ނެރެދޭން ޖެހޭ - އަލްހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ